26 Jul 2023, 08:26
ސައުދީ އަރަބިއާގެ އަލް ނަސްރުން، ވަރުގަދަ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ހިފެހެއްޓި މެޗަަށްފަހު އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެސެޖެއް ދީފިއެވެ.
ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުގެ ޕޯޗުގަލް ތަރި އަދި ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗަށްފަހު އިންސްޓަގްރާމަށް ރޮނާލްޑޯ ދޫކޮށްލި މެސެޖެއްގައި އޭނާ ވަނީ ވަރުގަދަ ޓީމަކާ ދެކޮޅަށް އަލް ނަސްރުން ދެއްކި ކުޅުމަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އަދި ޖަޕާނުން ބޮޑު މަރުހަބާއެއް ލިބުނު ކަމަށް ވެސް ރޮނާލްޑޯގެ މެސެޖުގައި ބުންޏެވެ.
View this post on Instagram
ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ޕީއެސްޖީން ޖަޕާނަށް ގެންދިޔަ ސްކޮޑުގައި އެ ކްލަބާއެކު މައްސަލަތަކެއް ޖެހިފައިވާ ފްރާންސް ތަރި ކިލިއާން އެމްބާޕޭ ހިމެނިފައެއް ނުވެއެވެ. ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހަދަމުންދާ އިރު، މިހާރު އެ ކްލަބުން ބޭނުންވަނީ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާ ވިއްކާލުމަށެވެ. އެގޮތުން އަލް ހިލާލުން ވަނީ އެމްބާޕޭ ހޯދުމަށް ޕީއެސްޖީއަށް ދުނިޔޭގެ ރެކޯޑު އަގެއް ހުށަހަޅައިފައެވެ.
ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯގެ އަލް ނަސްރުން ދެން ނުކުންނަން ޖެހޭނީ ވާދަވެރި އަލް ހިލާލާ ދެކޮޅަށެވެ. އަދި އެ މެޗަށްފަހު އަލް ނަސްރު ނުކުންނާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އިންޓަ މިލާނާ ދެކޮޅަށެވެ.