ގައުމެއްގެ މިނިވަންކަމަށް ވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނޯންނާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މިނިވަންކަމުގެ ހިޔަލަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފާކަމަށެވެ.

ކުޑައިރުއްސުރެ ވެސް އުފާވެރި ހަނދާންތަކެއް މިނިވަން ދުވަހާ ގުޅުވައިގެން ހުންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މިނިވަންކަން ގެއްލިގެންދިޔަ ބަޔަކަށް އެއީ ކިހާވަރެއްގެ އެއްޗެއްކަން އިހުސާސްވާނެ ކަމަށެވެ. އެހެންކަމުން މިނިވަންކަމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ދުނިޔޭގަ އެއްބަޔަކު މިނިވަންކަން ނުލިބިގެން ނުވަތަ އެހެން ކަމެއް ނުލިބިގެން އުޅުނު ނަމަވެސް އަޅުގަނޑުމެންނަށް މާތްﷲ އެ ނިއުމަތް ދެއްވާފަ އެބައޮތް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތް ކުރެވޭ އެބަ." ނައިބު ރައީސް ވިދާޅުވިއެވެ.

ގައުމެއް، ގައުމެއްގެ ސިފައިގައި އެކުލެވެނީ ގައުމެއްގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ގުޅުމުގެ ސަބަބުން ކަމަށާއި އެކަކު އަނެއްކަކަށް އަޅާލާ މިފަދަ އާދަކާދަތައް އަބަދުވެސް ދަމަހައްޓަން ޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެ ސިފަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަން ދެމެހެއްޓުމަށް ހުރިހާ އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން އިސްލާމީ މަރުކަޒު މައިދާނަށް ވަޑައިގަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ވަނީ ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ދައުލަތަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ބެބޭފުޅުންނާ ބައްދަލުކުރައްވާ ފޮޓޯ ނަންގަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.