25 Jul 2023, 23:08
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑަސީ ފޯމުގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ މިރޭ ސޮއި ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނަމަ ކެންޑިޑެސީ ފޯމް ހުށަހެޅޭނީ 1،500 މީހުންގެ ސޮޔާއެކުއެވެ. އެހެންކަމުން އުމަރު ގެންދަވަނީ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމުގެ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ.
ކެންޑިޑެސީ ފޯމުގައި ސޮއި ކުރެއްވުމަށް ފަހު އުމަރުގެ ފޭސްބުކް ލައިވް ގައި ބައިވެރިވެވަޑައިގެން އައްސަދު ވަނީ ވާހަކަ ދައްކަވާފައެވެ. އައްސަދު ވިދާޅުވީ، ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުންނާއި ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އުމަރު ދައްކަވަމުން ގެންދަވާ ވާހަކައަކީ އޭނާ އަބަދުވެސް ދައްކަވާ ވާހަކައެއް ކަމަށާއި، އެއީ އޭނާ ތާއީދު ކުރައްވާ ވާހަކަތަކެއް ކަމަށެވެ.
އުމަރު ވިދާޅުވީ، މި ޖީލުގެ ޒުވާނުންގެ އަޚުލާގު ވަރަށް ބޮޑަށް ގޯސް ވެފައިވާ ކަމަށާއި، އެ މަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ދެން އަންނަ ޖީލަކީ އަޚުލާގު ރަނގަޅު، ތައުލީމީ، ހުނަރުވެރި ޖީލަކަށް ހެދުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އައްސަދު ވިދާޅުވީ އެކި ރަށްރަކުގެ މުޅި ޒުވާން ޖީލު މަސްތުވާތަކެއްޗަށް ދެވި ހިފައި، އެކަމަށް ހުސްވެފައިވާ ކަމަށެވެ. އަދި ކުޅިވަރުގެ އުސޫލާ ހަމަވެސް އެކަމުގެ ތެރެއިން ގެއްލި ގޮސްފައިވާކަން އައްސަދު ފާހަގަ ކުރެއްވިއެވެ.
"ކުޅިވަރުގެ އުސޫލާ ހަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ގެއްލިގެން ދިޔަތަން މި ފެނުނީ. އެއްވެސް ކަމެއްގަ އުސޫލެއް ހަމައެއް ނެތް. އެ އުސޫލާ ހަމަ ނެތި ދިޔަ ދިޔުން މި އޮތީ ހުރިހާ ކަމަކުން އަޅުގަނޑުމެންގެ ކަރަށް މެހުނު މަޅިއަކަށް ވެފަ." އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ ރަށްރަށުގައި ފުޓްސެލް ދަނޑުތައް އެޅި ނަމަވެސް އެކަމުން އެރަށެއްގެ ޒުވާނުންނަށް މަންފާއެއް ލިބޭ ކަން ކަށަވަރު ކުރާނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެގޮތުން ކުޅިވަރު ކުޅެން ބޭނުންވާ ޒުވާނުންނަށް އަހަރެއްހާ ދުވަހު ތަމްރީން ދޭނެ ފަރާތެއް ހޯދޭނެ އިންތިޒާމް ވެސް ހަމަޖެއްސިފައި ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އައްސަދު ވިދާޅުވީ މަންފާއެއް ނުކުރާ ގޮތަށް ހަމައެކަނި ނަމަކަށް ކަމެއް އޮތުން، އެކަމެއް ނެތުމާ އެއްފަދަ ކަމަށެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ސަބަބުން ރާއްޖެ އޮތް ނާޒުކު ފައްތަރު ސިފަކުރައްވަމުން އައްސަދު ވިދާޅުވީ، މަސްތުގެ ވަބާގައި ދަރިން ޖެހި އެތަކެއް މައިން ބަފައިންނެއް ކަރުނަ އަޅާ ރޮމުން ދާ ކަމަށެވެ.