ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމް އަށް މިރޭ ސޮއި ކުރެއްވުމަށް ހަމަ ޖެހިފައިވާ ކަމަށް ޕީޕީއެމްގެ ބައެއް އޮފިޝަލުން ނަން ހާމަ ނުކޮށް ކަށަވަރުކޮށްދީފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ އިސް މެންބަރަކު ވިދާޅުވީ ހިސްޓޯ ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ހަމަ ޖެހިފައިވަނީ މިރޭ ފުވައްމުލަކުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ޕީޕީއެމްގެ ޖަލްސާގައި ކަމަށެވެ. މިކަން ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވެސް ކަށަވަރު ކޮށް ދެއްވި އެވެ.

މިރޭ ފުވައްމުލަކުގައި ބާއްވާ ޖަލްސާގައި ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވެސް ބައިވެރިވެޑައިގަންނަވަ އެވެ.

އެމްޑީޕީގެ އިސް ކޮށް އުޅެއްވި ހިސްޓޯ ޕީޕީއެމް އަށް ގުޅިވަޑައިގަންނަވާ ކަމުގެ މުއުތަބަރު މައުލޫމާތުތައް ފެތުރިފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހަށް ވަޑައިގެން އިންނަވަނިކޮށް ވެސް ވަނީ ފެނިފަ އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީގެ ދެ ޖަލްސާއެއްގައި ހިސްޓޯ ބައިވެރިވަޑައިގެންނެވި ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއާ ދެކޮޅަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައްޔިތުން މަޖިލީހުގައި އެމްޑީޕީއާ ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަވަސް އިންތިހާބަކަށް ދެވޭނީ ގާނޫނު އަސާސީ އިސްލާހް ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން އަށާއި ވަޒީރުނަށް ރައްޔިތުން މަޖިލީހުން ރުހުން ދިނުމަށް ފެނޭތޯ ބެލުމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކޮށްފައި ވަނިކޮށް ހިސްޓޯ ވަނީ އެ ޖަލްސާއަށް ވަޑައިގެން ނައިބު ރައީސް ވަހީދުއްދީނަށާއި ވަޒީރުނަށް ރުހުން ދެއްވާފަ އެވެ.

އެމްޑީޕީން ވަނީ ހިސްޓޯއާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި ހިސްޓޯ ވަނީ އެމްޑީޕީގެ ލީޑަޝިޕް "ކޯމާ"އެއްގައި އޮތް ކަމަށް ބުނެފަ އެވެ.