26 Jul 2023, 08:29
ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާލައިފި ނަމަ، ދިވެހި ދިދަ އދ. ގެ މައިމަރުކަޒުގައި ވިހުރެވެމުން ދިޔަ ނަމަވެސް، ދިވެހި ދައުލަތުގެ މިނިވަންކަން ފުރިހަމަގޮތުގައި ހިފެހެއްޓިފައިވާކަމުގައި ދެންނެވުމަކީ އުނދަގޫކަމެއް ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚިތާބުގައި ދަނގެތި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ގައުމެއް މިނިވަންކުރުމަކީ އެ ގައުމެއް އަޅުދާސްކޮށްގެން ތިބި ބައެއްގެ އަތުން ގައުމު އަތުލައި، ރައްޔިތުންގެ އަމިއްލަ ވަންތަ ސަރުކާރެއް ގާއިމުކުރުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ހާލަތަށް ބަލާއިރު އަމިއްލަ ވަންތަ ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތުގެ މުސްތަގުބަލު އޮތީ އުޖާލާ ކޮށްކަމުގައި ދެންނެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ދިވެހި ދައުލަތުގެ އެކިދިމާތަކުން ޖަހަމުން ގެންދަނީ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުތައް. ޒުވާންޖީލުތަކުގެ ކުރިމަގަށް އިހުމާލުވެވި، މުސްތަޤްބަލުގެއްލެމުންދާ ކަމުގެ އިންޒާރުތައްވެސްމެ. މިއަދު މި އިންޒާރުތައް ބަލައިގަނެ، އެކަންކަން ރަނގަޅު ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް. އެކަން ކުރާކަށް އެހެން ބަޔަކު ނާންނާނެ. އަންނާކަށް ނުވެސްޖެހޭނެ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިވާހަކަތައް ދައްކަދައްކާ ތިއްބާ، ރާއްޖޭގެ ދަރަނި މިހާރު މިވަނީ، އުފެއްދުންތެރިކަމުގެ ނިސްބަތުން، ޖީޑީޕީއަށް ވުރެ މައްޗަށްގޮސްފައި ކަމަށާއި އެ ދަރަނި ނުދެއްކިދާނޭކަމުގެ އިންޒާރު ވޯލްޑްބޭންކާއި ގައުމީ މަރުކަޒީ ބޭންކުން ތަކުރާރުކޮށް ދަނީ ދެމުން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ރިޒާވްގައި މިހާރު ހުރީ އެންމެ ދެ މަސްދުވަހަށް ކާޑުގަނެވޭވަރުގެ މަދު ފައިސާކޮޅެއްކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާވެސް ގައުމުގައި ހުރި އެންމެ ފެން ކުންފުންޏަށް މައްސަލައެއް ޖެހިއްޖެ ނަމަ، ބޯފެން ހޯދުމަށް ވެސް ބަރޯސާ ވާންޖެހޭނީ ބޭރުގެ ބަޔަކަށް ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހަރުމުދާ ވެސް ހުރީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައިނޫން ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނީ އޮނިގަނޑުގައި ހުރި ބާތަކުގެ ބޭނުންހިފައިގެން ސަރުކާރުން ދަނީ، ދައުލަތުގެ މުދާ ނުއަގުގައި ވިއްކަމުން ކަމަށް ނާޒިމް ތުހުމަތު ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި ވަޒީފާއަދާ ކުރާ އުމުރުގެ އާބާދީގައި ދިވެހިންނަށް ވުރެ ގިނައީ ބިދޭސީން ކަމަށާއި އަދި ރާއްޖޭގައި މަތީ ތައުލީމް ހޯދުމަށް އެންރޯލްވާ ކުދިންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށެވެ.
"މި ހާލުގައި ދިވެހި ދައުލަތްއޮތް އިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތިބީ ހަނު. ދިވެހި ގައުމުގެ ދިފާއީ ބާރުތަކާއި ގައުމީ އެންމެ މަތީ މަސްލަހަތުއް ހިމާޔަތްކުރުމަށް ހުރި މުއައްސަސާތައް ފެންނަނީ ސަރުކާރުގެ ބާރުގެ ދަށުގައި ފިތިފައިވާ ތަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ޚިތާބުގައި އިތުރަށް ވިދާޅުވީ ގާނޫނު އަސާސީންނާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ވަޒީފާގެ މިނިވަންކަން ބޮލާލައިޖަހައި އަމިއްލަ ބޭނުންތަކަށް ދީލާލާފައިވާތަން އެބަ ފެންނަ ކަމަށާއި އޭގެ ނަތީޖާއަކީ ދައުލަތް އެއް ދުވަހުން އަނެއްދުވަހަށް ބަލިކަށިވަމުން ދިޔުން ކަމަށެވެ.