05 Aug 2023, 08:20
ޒައިލް ހީކުރި ވަރަށްވުރެ ބޮޑަށް ޝަރަފްގެ ފައި އޮތީ ކަފައިގެން ގޮސްފައެވެ. ހޮސްޕިޓަލަށް ދިޔައިރު ތަދުވާވަރުން ޝަރަފްއަށް ކެތްކުރެވެނީއެއް ނޫނެވެ. ބޭސްއަޅާ ކޮޓަރިއަށް ޝަރަފް ވައްދާފައި ޒައިލް މަޑުކުރީ ބޭރުގައި ހުރި ގޮނޑިބަރީގައެވެ. އޭރުވެސް އޭނާ އިނީ ފުލުހުންގެ ޔުނީފޯމުގައެވެ. ކޮންމެވެސް ވަރަކަށް ތެމިފައި ހުރުމުންނާއި ތަނުގައި އޭސީ ޖައްސާފައި ހުރުމުން ފިނިވެގެން ޒައިލްއަށް ފުލުފުލުގައި އެތައް ކިނބިއްސެއް އެޅުނެވެ. ޒައިލްގެ ކައިރީގައި އައިސް އިށީން ފަސްވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާވެސް ހަމަ އެފަދައިން ކިނބިހި އަޅަން ފެށިއެވެ. ޒައިލް ހައިރާންވެފައި އެކުއްޖާއާއި ދިމާއަށް ބަލައިލިއެވެ. އަތުގައި އޮތް ރުމާލުން ނޭފަތް ފޮޅާލުމަށްފަހު، އެކުއްޖާވެސް ޒައިލްއަށް ބަލައިލިއެވެ. ޒައިލް ބަލަން އިން ތަން ފެނުމުން، ހިނިތުންވެލިއެވެ. ޒައިލްއަށް ވަށައިގެން ހޯދައިލެވުނީ އެކުއްޖާ އެކަނި އެތަނުގައި އިނުމުންނެވެ.
********
"މީ ކޮން ކުއްޖެއް؟..." ޒައިލް ވަރަށް ލޯބިން އަހައިލިއެވެ.
"ދާވިއަން..." ދާވިއަން މައުސޫމު ގޮތަކަށް ބުންޏެވެ.
ދާވިއަންގެ ނަޒަރު ޒައިލްގެ މޫނުން ވަކިނުވެއެވެ. އެ ބެލުމުގައި ވަނީ ޝައުގުވެރިކަމެވެ. ކުޑަވެސް ދުރުކަމެއް ނެތެވެ. މާގިނައިން ކިނބިހި އެޅުމުގެ ސަބަބުން، ދާވިއަންގެ ނޭފަތް ވަނީ ރަތްވެފައެވެ. ދެލޮލުގައިވީ ތެތްކަމެވެ.
"ކޮއްކޮ ބަލީތަ؟... ޑޮކްޓަރަށް ދައްކަންތަ އައިސް ތީނީ؟..." ޒައިލް ސުވާލުކުރިއެވެ.
"އެއީ ބައްޔެއް ނޫން... އިއްޔެގަ މަންމި ބުނީ އެއީ ސައިނަސްއޭ... އެއީ ކޯލްޑްވީމަ ވާގޮތެއް..." ދާވިއަން ޖަވާބުދިނެވެ.
"އެހެންތަ، ބޭބެ ކަހަލަ ކުއްޖެއްދޯ؟... ބޭބެވެސް ފިނިވީމަ ކިނބިހި އެޅިފަ ރޯގާޖެހެއޭ..." ޒައިލް އިނީ މަޖާވެފައެވެ.
"އެކަމު، ޕޮލިސްކުދިން ކީއްވެ ސްޓްރޯންގް ނުވަނީ؟..." ދާވިއަން އަހައިލިއެވެ.
ޒައިލްއަށް ޖަހައިލެވުނީ ލުއި ހިނިގަނޑެކެވެ. ދާވިއަންގެ މޫނުމަތިން ފެންނަމުންދިޔަ މައުސޫމުކަމާއި އެއްވަރަށް ވާހަކަ ދައްކާގޮތްވެސް ލޯތްބެވެ. ކުޑަކުޑަ މޫނުކޮޅު އޮމާނެވެ. ހަމުގެ ކުލަ އައްޔެވެ. އިސްތަށިގަނޑު ފަނެވެ. އެސްފިޔަތައް ދިގެވެ. ހުދުހުދު ބޮޑު ދެލޮލުގެ ކަޅީގެ ކުލަ އެހެން ކުދިންނާއި ތަފާތެވެ. ދާވިއަންގެ ކަޅީގައި ހުންނަނީ، "ހޭޒަލް ގްރީން" ކުލައެވެ. އެންމެ ބައްދަލުވުމަކުންވެސް ދާވިއަން ޒައިލްގެ ހިތް ފަތަހަކުރިއެވެ.
"ޕޮލިސްކުދިންވެސް ބަލިވާނެއޭ... ކޮބާ ކޮއްކޮ މަންމަ؟... ބޮޑުކުދިން ނުލާ އެކަނި އުޅޭކަށް ނުވާނެއެއްނު..." ވަށައިގެން ހޯދައިލަމުން ޒައިލް ސުވާލުކުރިއެވެ.
"ޑިއުޓީއަށް ދިޔައީ..." ދާވިއަން މޫނަށް ގޮތެއް ހަދައިލިއެވެ. "މަންމި ނަރުސްކުއްޖެއްވީމަ ދާންޖެހޭނެއެއްނު... ދާންވެސް ބޭނުން ޕޮލިސްކުއްޖަކަށް ވާން..."
"އެހެންތަ؟... ކީއްވެ ޕޮލިސްކުއްޖަކަށް ވާން ބޭނުންވަނީ؟..." ޒައިލް ކުޑަކޮށް އެނބުރިލާފައި ސުވާލުކުރިއެވެ.
"ބަޑި ލިބޭނެއެއްނު..." އަތުގެ އިޝާރާތާއިއެކު ދާވިއަން ބުންޏެވެ.
"ކޮއްކޮ އަތުގަ ނެތްތަ ބަޑިއެއް؟..." ކުޑަކޮށް ހައިރާންވެލާފައި ކަހަލަގޮތަކަށް ޒައިލް އަހައިލިއެވެ.
"މާދަމާ މަންމި ބުނި ދާންގެ ޑޭޑީއަކީ ޕޮލިސްކުއްޖެކޭ... އެކަމު ޑެޑީ ބަޑި ނުގެސްދޭ..." ދާވިއަންގެ ބަސްމަގުގައި ކޮށިގޮތެއް ހުރި ނަމަވެސް، ކިޔާ އެއްޗެއް ޒައިލްއަށް ދޭހަވިއެވެ.
"ކޮން ނަމެއް ކޮއްކޮގެ ޑެޑީއަށް ކިޔަނީ؟..." ޒައިލްގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގުނެވެ.
"ނޭނގެ، ޑެޑީ ނެތް... ބައްޕިއެކޭ ހުންނަނީ..." ޒައިލް ކުރަމުންދިޔަ ކޮންމެ ސުވާލަކަށް ދާވިއަން ޖަވާބުދެމުން ދިޔައެވެ.
"އެހެންތަ؟... ދެން ކޮބާ ބައްޕި؟..." ޒައިލް އަހައިލިއެވެ.
"ތީ ދާންގެ ޑެޑީތަ؟..." ޒައިލް ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ދާވިއަށް ކުރީ ސުވާލެކެވެ. ޒައިލް ހުއްޓުން އެރިއެވެ. އެހާ ކުޑަ ކުއްޖަކު އެފަދަ ސުވާލެއް ކުރީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ދާން..." ޒައިލް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ކޮންމެވެސް މީހަކު ބުނި އަޑު އިވުނެވެ. "ދޫނީ... މިތާތަ ތީނީ؟... ހާދަ ހޯދައިފީމޭ..."
"ބައްޕީ..." ލޫކް ފެނުމުން ދާވިއަން ފުންމައިގެން ގޮނޑިން ތެދުވިއެވެ.
"ކީއްވެ އެކަނި އައީ؟... ބުނީމެއްނު ރޫމްގަ ރީތިކޮށް އިންނާށޭ... އެކަނި ތަންތަނަށް ނުދާށޭ..." ލޫކް އައިސް ދާވިއަން އުރާލިއެވެ. އެ މައުސޫމު ކުޑަ ކުއްޖާގެ ކޯކޮޅުގައި ހިފައި، ލޯބިކޮށްލިއެވެ.
އެ މަންޒަރު ފުރިހަމަކަމުން ޒައިލްއަށް ބަލަން އިނދެވުނީ، ހިނިތުންވެލައިގެންނެވެ. ގައިބާރު ހުއްޓާ، ޒައިލްވެސް ދަރިއަކު ބޭނުންވެއެވެ. ލޯބިން އުރާލާ ލޯބިކޮށްލަން ހިތް އެދެވެއެވެ. ދާވިއަން ފެނުމުން، އޭނާގެ ހިތް މާބޮޑަށް އެކަމަށް އެދެން ފެށިއެވެ.
"ސޮރީ... ދާން ވަރަށް ވާހަކަ ދައްކައިފިދޯ؟..." ލޫކް ޒައިލްއަށް ބަލައިލަމުން މާފަށް އެދުނެވެ.
"ނޫނޭ... އެވަރުގެ ކަމެއް ނޫން... ވަރަށް ކިއުޓް ކުއްޖެއް..." ޒައިލް ގޮނޑިން ތެދުވިއެވެ.
"ދާން ބޭނުން ޑެޑީ ކަހަލަ ޕޮލިސް ކުއްޖަކަށް ވާން..." ލޫކް ދާން ހިނގައިގަތުމުން، ދާވިއަން ބުންޏެވެ.
ޝަރަފް ބޭސްއަޅައިގެން ނުކުތްއިރުވެސް ޒައިލްއަށް ހުރެވުނީ ދާވިއަން ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ކުޑަކުއްޖާ ޒައިލްގެ ހިތުން ހާއްސަ މަގާމެއް ހޯދައިފިއެވެ. ލޫކްގެ ބަދަލުގައި ޒައިލްއަށް ސިފަވަމުން ދިޔައީ، ދާވިއަން އުރާލައިގެން ހުރީ އޭނާގެ ގޮތުގައެވެ. އެކީ ހޭދަކުރާނެ އުފާވެރި ވަގުތުތައް ޒައިލްއަށް ސިފަކުރެވުނެވެ.
"ކަންތަކާ ލައްވާލީއޭ... ވަރުގަދަ އިންޖެކްޝަނެއްވެސް ޖަހައިފި... މާދަމާވެސް އަންނަންޖެހެޔޯ..." ޒައިލް ފެނުމުން ޝަރަފް ތަފުސީލު ދިނެވެ. "ހީކުރި ވަރަށްވުރެ ބޮޑަށޭ އޮތީ ގޮއްސަ..."
ޝަރަފް ޒައިލްގެ ގައިގައި ޖެހިގަތީ، އޭނާ ވާހަކަ ދައްކާ ދައްކާވެސް ޒައިލްގެ ފަރާތުން ޖަވާބެއް ނައުމުންނެވެ.
"ކަލޭ ކޮން ހިޔާލެއްގަ؟..." ދިމާކުރާ ރާގަކަށް ޝަރަފް ސުވާލުކުރިއެވެ.
"ދެންމެ ކުޑަކުއްޖެއް..." ޒައިލް އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. "ފަޔަށް ވަރަށް ތަދުވޭތަ؟..."
"ކުޑަކުއްޖެކޭ..." ޒައިލް ދެއްކި ވާހަކައިން ޝަރަފަށް އަޑު އިވުނީ އެންމެ ލަފުޒެކެވެ. "ދަތް ހުރި ދުވަހު ކާށި ނުކޭމަ ވާގޮތް ކަލެޔަށް ތިވަނީ..."
ޒައިލް ދެލޯ އަޅާލާފައި ބަލައިލިގޮތުން ޝަރަފް ދެލޯ ބޮޑުކޮށްލިއެވެ. ކޮރާޖަހަމުން ކަހަލަގޮތަކަށް ދުވެފައި ހޮސްޕިޓަލުން ނުކުންނަން ދިޔައެވެ.
********
ހޮސްޕިޓަލުގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލިއިރު، ވާރޭ ހުއްޓާލައިފިއެވެ. އެހެނަސް، ވިއްސާރައިގެ އަސަރު ފިލާނުދެއެވެ. އުޑުމަތި އޭރުވެސް އޮތީ ބަނަކޮށެވެ. ވައި ބާރެވެ. ނިޔަމް ކާރުން ފައިބައިގެން ހަލުވި ފިޔަވަޅުތަކެއްގައި ހޮސްޕިޓަލުގެ ތެރެއަށް ވަނެވެ. އޭނާ އަޅައިގެން ހުރީ ނަރުހުންގެ ރަސްމީ ޔުނީފޯމެވެ.
ޝަރަފްއާއި ވާހަކަ ދައްކަމުން ނުކުތް ޒައިލްއަށް ނިޔަމް ފެނުނީ އަރިމަތިންނެވެ. ދެމީހުން ދިޔައީ ދެކޮޅަށެވެ. ނުހަނު ކައިރިންނެވެ. ޖެހިލި ވައިރޯޅިއާއިއެކު، ޒައިލްގެ ނޭފަތުގައި ހަރުލީ އެ އަންހެންކުއްޖާ ޖަހައިގެން ހުރި ލުއި ސެންޓްގެ މީރުވަހެވެ. ޒައިލް ހުއްޓުނީ ނިޔަމްކަން ޔަގީން ނުވުމުންނެވެ. އޭނާ ފަސްއެނބުރި ބަލައިލިއިރު، ނިޔަމް ފަސްދީފައި ދަނީއެވެ.
"އަނެއްކާ ކޯއްޗެއް ފެނުނީ؟..." ޒައިލްއަށް ވީގޮތް ފެނި ޝަރަފް ދިމާކުރަން ފެށިއެވެ. "ތާކުން ކުޑަކުއްޖެއް ފެނުނަސް، އަންހެނެއް ފެނުނަސް، ގޮތްގޮތް އެބަވޭ... ކަލޭ ވީ މީހަކާ އިންނަން..."
ވަކި ހިސާބަކަށް ގޮސްފައި ނިޔަމް ފަސްއެނބުރި ބަލައިލިއެވެ. ހޮސްޕިޓަލުން ނުކުންނަން ދިޔަ ދެމީހުންނަށް ބަލައިލުމަށްފަހު، އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.
"ކޮބާ ދާން؟..." އަރުޝާ ފެނުމުން، ނިޔަމް އަހައިލިއެވެ.
އަރުޝާއަކީ ނަރުހެކެވެ. އަދި ހަމަ އެހެންމެ، ނިޔަމްގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ.
"ވެއްޖެ ލޫކްއާއެކީ ބޭރަށް ގޮއްސަ... ލޫކް ޑިއުޓީ ނިމުނީމަ ގޮވައިގެން އެ ނުކުތީ..." އަރުޝާ ޖަވާބު ދިނެވެ.
"ކުއްލިއަކަށްވިއްޔަ ނެނީ ދާންޖެހުނީ... އަދިވެސް މީހަކު ލިބޭގޮތެއް ނުވޭ..." ނިޔަމް ދޫކޮށްލީ ފުން ނޭވާއެކެވެ.
"ހޯދާނެކަމެއް ނެތޭ... އަހަރެން ބަލާފާނަން... އެހުރީނު ލޫކްވެސް... އެސޮރު އެހުންނަނީ ނިޔަމް ބުނެފިއްޔާ އަލިފާންގަނޑަކަށްވެސް ފުންމާލަން ތައްޔާރަށް..." އަރުޝާ ހީގަތެވެ.
********
ޑިއުޓީ ނިންމާލާފައި ޒައިލް ގެއަށް ދިޔައީ، އާޔަތުގެ ފޮށިތައް އެގެއަށް ލާފައެވެ. ދޮރުމަތީގައި ހުރި ސަނާ ފެނުމުން ޒައިލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ސަނާއަކީ ޒައިލްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އުމުރުން ސޯޅަ އަހަރުގައިވެސް ސަނާ ހީވަނީ ފުރާފުރިހަމަވެފައިވާ އަންހެންކުއްޖެއް ހެންނެވެ. ވަޒީފާއަދާކުރަން ފެށީއްސުރެ ޒައިލް ދިރިއުޅެނީ ވަކިންނެވެ. އާއިލާއާއި މާބޮޑު ގުޅުމެއް ނޯންނާތީ، އެންމެން ބައްދަލުވެއެއް ނޫޅެއެވެ. އަހަރުތަކެއް ފަހުން ސަނާ ފެނުމުން، ޒައިލް ހުރީ އުފާވެފައެވެ. ކޮއްކޮއަށް އައިސްފައިވާ ބަދަލު ފެނި އެކަމާއި ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންވިއެވެ. ރީތިކަމަށް ތައުރީފުކުރަން ހިތް އެދުނެވެ. އެހެނަސް، ޒައިލްއަކަށް ހިތްވަރެއް ނުލިބުނެވެ.
"ތިއްތިބޭ..." ސަނާ ޒައިލްއަށް ގޮވާލިއިރު، ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
"ހިނގާ އެތެރެއަށް..." ޒައިލް އެދުނެވެ.
"މިއައީ ކުއްޖަކާއެކީ..." ސަނާ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖަކު ދައްކައިލިއެވެ. "ވަރަށް ބޮޑު ކަމަކު މިއައީ..."
"އަވަހަށް ބުނޭ..." ޒައިލް އެދުނެވެ.
"ގްރެޖުއޭޝަން ސެރެމަނީއަށް އައިސްދޭށޭ ބުނަންވެގެން... ސަނާ ވަރަށް ރަނގަޅު ރިޒަލްޓެއް ހޯދިން، އެހެންވެ..." ސަނާ ހިނިތުންވެލިއެވެ.
"ތިހެންވިއްޔާ، ކޮންމެހެންވެސް ތިއްތިބެ ދާނެޖެހޭނެތާ..." ސަނާގެ ބޮލުގައި ފިރުމައިލަމުން ޒައިލް ބުންޏެވެ.
ސަނާ ދިޔުމުން، ޒައިލް ގެއަށް ވަނެވެ. ސޯފާއަށް ވެއްޓިގަތެވެ. ގޭގެ ހަތަރުފާރުން އެތެރެ މިހާރު ޒައިލްއަށް ވަނީ ވޭނަކަށެވެ. މާޔޫސްކަމާއި އެކަނިވެރިކަން ފިޔަވައި އިތުރު އެއްޗެއް އެގޭގެ ތެރެއިން ޒައިލްއަކަށް ނުލިބެއެވެ. އެހެނަސް، އެގެއާއި ގުޅިފައިވާ ފޮނި ހަނދާންތަކެއް އޭނާގެ ހިތުގައި ނުފިލާ ހުއްޓެވެ. ދެލޯ މަރާލުމާއިއެކު، ޒައިލްއަށް ސިފަވީ އެނާ ދެކެން ބޭނުންވި ސޫރައެވެ. އެ ރީތި ހިނިތުންވުމެވެ. ޒައިލްގެ ދެލޮލުގެ ހިމަކޮޅުން ފޭދިގެން އައީ ހޫނު ކަރުނައެވެ.
(ނުނިމޭ)