ދެހާސްނަވާރަވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހިސާބުން އެމްޑީޕީއިން އޮތީ ކޯލިޝަންގެ އެއްބަސްވުމާ ޚިލާފުވެފައި ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު އެމްއާރުއެމްއާއެކު ބޭއްވި ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަމީން ވިދާޅުވީ އެއްބަސްވުމަކީ ދެ ބައެއްގެ ދެމެދުގައި އުފެދޭ އިތުބާރެއް ކަމަށާއި ދެބައެއްގެ ދޭތެރޭގައި އޮންނަ ކަމަކުން އެއް ބަޔަކު ވެސް ނުކުމެއްޖެނަމަ އެ އެއްބަސްވުން އުވުނީކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތެއްގައި އެއްވެސް ހާލެއްގައި ކްލެއިމް ކުރެވޭކަށް ނެތްހެން އެ ބޭފުޅުންނަކަށް އަޅުގަނޑުމެން ކަމަކާ ޚިލާފުވެގެން ކަމެއް ކުރީއެކޭ ކިޔާފަ،" އަމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ބައެއް ބޭފުޅުން ސަރުކާރުގައި ތިބީ ކީއްވެތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބޭ ފުރުސަތު ނަގައިލައިގެން ނުވާނެ ކަމަށެވެ.

"އެއީކީ އަޅުގަނޑުމެން މިހާރު މި ކުރާ މަސައްކަތަށް އޮތް ހުރަހެއް ކަމަކަށް ނުދެކެން،" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ދެއްވައިފައެވެ. އެހެން ނަމަވެސް، އެ ދައުވަތު ގަބޫލު ނުކުރައްވާ ޖޭޕީން ވަނީ ވަކިން ވާދަކުރަން ނިންމައިފައެވެ.

ވަކިން އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމި ނަމަވެސް އަދިވެސް އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަނުގެ ތެރޭގައެވެ.