05 May 2012, 12:33
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުން ރޭ ހައްޔަރުކުރީ ހ. ލަދުމާގެއާގެ، އަހުމަދު ނައީމް،27 ކަމަށެވެ. އަދި ސ. ހުޅުދޫ، ޖުވެލަރީ، ހުސެއިން ފަރުޝާން،26 މިދިޔަ ބުދަދުވަހު އަމިއްލައަށް ފުލުހަށް ހާޒިރު ވެސް ހައްޔަރުވެފައިވާ ކަމަށާއި އެ މައްސަލައާ ގުޅުންހުރި އިތުރު ބަޔަކު ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ވީޓީވީއަށް ގެއްލުން ދިން މައްސަލައިގައި ހ. ރޯޒަންޑޭލް، ސިފާން ޝަފްރަތު،17 ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވާތާ ދެ މަސް ވެގެން ދިޔައިރު އަދިވެސް އޭނާ ފެނިފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ ކުރީކޮޅު ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި ފެހިއަލި، އިސްމާއީލް ހައްމާދު،19 އާއި ރ. އަލިފުށީ ހަމީދީ މަންޒިލް، އަހުމަދު ހަމީދު،29 އާއި ރ. އަލިފުށި ހަމީދީ މަންޒިލް، ހުސައިން ހަމީދު، 26 އެވެ.