ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009ވަނަ އަހަރު ނެރުނު އުދަބާނި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފިއެވެެ.

މި ފިލްމުގެ ޝޫޓިން މިހާރު ރ. މާކުރަތުގައި ކުރިއަށް އެބަދެއެވެ.

"ސަން"އާ ވާހަކަ ދައްކަމުން އަމްޖޭ ބުނީ އުދަބާނި 2ގެ ޝޫޓިންގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިރޭ އެ ފިލްމުގެ ވަރަށް ޚާއްޞަ ލަވައެއްގެ ޝޫޓިން ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.

"ހަމަ ގައިމު ވެސް މިހާ ބޮޑު އަދަދެއް ޚަރަދުކޮށްގެން އަޅުގަނޑުގެ ފިލްމެއްގެ ލަވައެއް ނުނަގަން. ލަވައަށް އެކަނި 50،000 ރުފިޔާ. އެ ލަވައަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ މިހާރު،" އަމްޖޭ ބުންޏެވެ.

އުދަބާނި 2ގެ ކާސްޓިން ކްރޫ --

އަމްޖޭ ބުނީ އުދަބާނިގެ ދެވަނަ ބައިގެ ކާސްޓުންގެ ޓީމު ތަފާތު ވާނެ ކަމަށެވެ. މި ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.

ފިލްމުގެ ޝޫޓިން މި އަހަރު ތެރޭގައި ނިންމައިލެވޭނެކަމަށް އަމްޖޭ ބުންޏެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ ބިރުވެރި ވާހަކައެއް ކަމުގައިވާ “އުދަބާނި” ފިލްމަށް މީގެ ކުރިން ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.