25 Jul 2023, 18:31
މާފަންނު ޕޮލިސް ސްޓޭޝަނާއި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ފާއިތުވި ޖޫން މަހު ހުށަހަޅާފައިވާ އެކި މައްސަލަތަކުގައި ހިމެނޭ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލްއިން 926،160 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާ ކަމަށެވެ.
އޭގެތެރޭގައި 720،000 ރުފިޔާގެ އަގުކުރެވިފައިވާ ސައިކަލާއި 163،429 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާއިން 20،651 ރުފިޔާ އާއި އެހެނިހެން ތަކެތީގެ ގޮތުގައި 22،080 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން 173،655.77 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު އޭގެތެރޭގައި ޖުމްލަ 30،000 ރުފިޔާގެ ސައިކަލު ހިމެނެއެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި 103،893.77 ހޯދައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 20،300 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، އެހެނިހެން ތަކެތީގެ ގޮތުގައި 19،462 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ.
މި މުއްދަތުގައި ގަލޮޅު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލްއިން 251،700 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު އޭގެތެރޭގައި 225،000 ރުފިޔާގެ ސައިކަލާއި 12،600 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ނަގުދު ފައިސާއިން 1،500 ރުފިޔާ، އެހެނިހެން ތަކެތީގެ ގޮތުގައި 12،600 ރުފިޔާގެ މުދާ ވަނީ ހޯދާފައެވެ.
ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން 2،191،586 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 1،198،200 ރުފިޔާގެ އަގުހުރި ސައިކަލާއި މަކަރާއި ހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި ހޯދައިދީފައިވާ 619،258.03 ރުފިޔާއެވެ.
އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 308،950 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު އެހެނިހެން ތަކެތީގެ ގޮތުގައި 65،177.88 ރުފިޔާގެ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.