ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ނީނާ"ގެ ފުރަތަމަ ޝޯ ވިކިއްޖެއެވެ.

ނީނާގެ ޓިކެޓް މިހާރު ވެސް އޮލިމްޕަހުން ވިއްކަމުންދާއިރު އަދި ހުޅުވައިލައިފައިވަނީ ތިން ޝޯއަށެވެ. ފިލްމު އަޅުވަން ހަމަޖެހިފައި އޮތީ އޯގަސްޓު ހަވަނަ ދުވަހުއެވެ.

އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑާ އެކު ފިލްމު ލަސްވި ގޮތަށް އަދި ފިލްމު އެޅުވޭ ގޮތް ވެފައެއް ނުވެއެވެ.

ޓިކެޓާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ހޯދައި ސީޓް ރިޒާވް ކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. އަދި, ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުންނެވެ.

މި ފިލްމުގެ 30 ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިކުއެސްޓް އަންނަ ވަރަކުން އަތޮޅު ތެރޭގައި ވެސް ފިލްމު އަޅުވާނެއެވެ.

ފިލްމުގެ ލީޑް ރޯލު ކަމަށްވާ ނީނާގެ ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބެވެ. ޝޯގެ އިތުރު ރޯލުތަކުން ދެން ފެންނާނީ ޝަރަފް އަބްދުﷲ އާއި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމެވެ.