މިނިވަން ދުވަހާ ގުޅިގެން މާދަމާއިން ފެށިގެން ސަރުކާރު ބަންދު ވީނަމަވެސް، ސުޕްރީމް ކޯޓުން ދޭ ޚިދުމަތްތައް ދޭގޮތަށް ހަމަޖައްސައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވައިފައެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ދުވަސްތަކުގައި ކޯޓުގެ ރަޖިސްޓްރާ ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތައް ހާމަކޮށްފައެވެ. އެގޮތުން:

  • ޖުލައި 26 އަދި 27 ވަނަ ދުވަސް: ހެނދުނު 09:00 އިން 10:00 އަށް - މެންދުރު 13:00 އިން 14:00 އަށް

  • ޖުލައި 28 ވަނަ ދުވަސް: މެންދުރު 14:30 އިން 15:30 އަށް
  • ޖުލައި 29 ވަނަ ދުވަސް: ހެނދުނު 09:00 އިން 10:00 އަށް - މެންދުރު 13:00 އިން 14:00 އަށް

މި ދުވަސްތަކުގެ އިތުރުން ވެސް އަންނަ މަހުގެ ހަތަރެއްގައި ސުޕްރީމް ކޯޓުގެ ޚިދުމަތްތައް މެންދުރު 14:30 އިން 15:30 އަށް ލިބެން ހުންނާނެއެވެ. އަދި އޮގަސްޓު ފަހެއްގައި އެ ކޯޓުގެ ޚިދުމަތްތައް ހެނދުނު 09:00 އިން 10:00 އަށް އަދި މެންދުރު 13:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ.

ސުޕްރީމް ކޯޓުގެ ޚިދުމަތްތައް ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބާ ކައިރިވެފައި ވަނިކޮށެވެ. އިންތިޚާބަށް 46 ދުވަހަށް ވެފައިވާއިރު އިންތިޚާބާ ގުޅިގެން ދުސްތޫރީ މައްސަލަ ހުށަހެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވައެވެ. އެ މަނިކުފާނުގެ އިންތިޚާބީ ހައްގުތައް ކަށަވަރު ކުރުމަށް ބުނެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް އެ ދެ މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފައެވެ.