25 Jul 2023, 16:03
ރ. ވާދުއަށް ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ބަނގުރާ އަތުލައިގެންފައި ވަނީ ވާދުއަށް ސަފާރީއަކުން ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 455 ފުޅި ބަނގުރަލާއި 52 ދަޅު ބަނގުރާ އެ ސަފާރީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަލިފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި ހިންގަން ހުއްދަ ދިން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުމާއި ވިއްކުމަކީ މަނާކަމެކެވެ.