25 Jul 2023, 15:54
ކުރީގެ ރައީސް އިބްރާހީމް ނާޞިރު ގެންގުޅުއްވި, ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ޤައުމު އިސްކުރެއްވުމުގެ ސިޔާސަތުން އެންމެން ވެސް ނަމޫނާ ހާސިލްކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވުމަށް ސިޔާމް ދެއްވި ޚިޠާބެއްގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި ބަޠަލުންގެ ޒިކުރާ އައުކުރުމަކީ ކޮންމެހެންވެސް ކުރުން މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، މިނިވަންކަމުގެ ބާނީ، އިބްރާހީމް ނާޞިރު ގެންގުޅުއްވި ޙިކުމަތްތެރިކަމާއި، ދުރުވިސްނެވުމާއި، ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ މަތިވެރި ސިޔާސަތަކީ، މިއަދުވެސް އެއިން ނަމޫނާ ހާސިލުކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަދަލުވަމުންދާ ވަޔާއި އޮއިވަރުގައި ރާއްޖެއަށް ވެސް މިދަނީ އެތައް ގޮންޖެހުމަކާ ކުރިމަތިވަމުން ކަމުގައި ސިޔާމް ވިދާޅުވިއެވެ.
ޚާއްސަކޮށް، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލޯ އަޅައިގެންތިބެ، މިނިވަންކަމަށް އަސަރުކުރާ އެތައް ކަމެއް މިއަދުވެސް މުޖްތަމައުގެ ތެރޭގައި ފެތުރުމަށް އެފަދަ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދޮގުޚަބަރު ފެތުރުން އާއްމު ކުރުމާއި، މީހުންގެ އަބުރާއި، ޢިއްޒަތާއި، ކަރާމާތަށް ބެލުމެއްނެތި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި، އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް މުޖުތަމަޢުގައި ފަރުދުންގެ ފަރުދީ ޙައްޤުތަކަށް ގެންލުންދިނުމަކީ ވެސް މިނިވަންކަން ކަމުގައި ދެއްކުމަށް ބަޔަކު އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު އެކަމުގެ ސަބަބަކަށް ވެފައިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ބަޔަކު ބޭރުގެ ފަރާތްތަކަށް ޤައުމުގެ ޙާލަތު އޮޅުވާލާ، ދޮގާއި، މަކަރާހީލަތުން އެފަރާތްތަކުގެ އެއްބާރުލުން ހޯދައިގެން އައިސް ކުރި މަސައްކަތްތަކުން ކަން މިއީ ތާރީޚުން ފެންނަން އޮތް ޙަޤީގަތެކެވެ. އެހެންކަމުން ކޮންމެ ލޮބުވެތި ރައްޔިތަކުވެސް އަމިއްލަ އެދުމަށްވުރެ މި ލޮބުވެތި ޤައުމުގެ މިނިވަންކަން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކޮށް، ނަޞޭޙަތްތެރިވަމެވެ،" ސިޔާމް ވިދާޅުވިއެވެ.