05 May 2012, 12:26
ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަރަކަށްވާތީ 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ހަނިފަރު ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު ގެޒެޓްކޮށްފި އެވެ.
އެ ގަވާއިދު ގެޒެޓްކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ސޯޅަ މާއްދާ ހިމެނޭ އެ ގަވާއިދުގައިވާ ގޮތުން ހަނިފަރު ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެ ސަރަހައްދަށް އެއްވެސް އުޅަނދެއް ވަނުމަކީ މަނާކަމެކެވެ. އަދި އީޕީއޭގެ ހުއްދައިގެ ދަށުން ޓެކްސީ ދޯނި ތަކަށާއި، އުޅަނދުފަހަރަށް އެ ސަރަހައްދުގެ ވިލު ތެރެއަށް ވަދެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ. އަދި އެފަދަ އުޅަނދެއް އެ ސަރަހައްދަށް ވަދެ އުޅުނުކަމުގައި ވިޔަސް ނަގިލި އެއްލުމަކީ މަނާކަމެއް ކަމަށް ވެސް ބުނެ އެވެ.
ހަނިފަރު ސަރަހައްދު ހިމާޔަތްކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން އެ ސަރަހައްދަށް އެރި އުޅުން ހުއްދަ ވަނީ ލައިފްޖެކެޓު އަޅައިގެން އެކަންޏެވެ. އެއްފަހަރާ 80 މީހުންނަށް އެ ސަރަހައްދުގެ މޫދަށް އެރިއުޅުމުގެ ހުއްދަ ދޫކުރުމުގެ ބާރު އީޕީއޭއަށް ލިބިފައިވިޔަސް އެ ހުއްދަ ދޫކުރެވޭނީ 45 މިނެޓަށެވެ.
ގަވާއިދާއި ޚިލާފުވާ މީހުންނަށް ދެވޭ އަދަބުތައް ވެސް އެ ގަވާއިދުގައި ވަނީ ތަފްސީލުކޮށްދީފަ އެވެ. އެގޮތުން ހުއްދަ ނުހޯދައި އެ ސަރަހައްދަށް ވަންނަ މީހުން 5000ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު އިތުރު 5000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
އަދި އީޕީއޭގެ ހުއްދަ ނުހޯދައި 24 ޑިއިރު ވަންދެން އެ ސަރަހައްދުގައި ހަރަކާތްތެރިވެއްޖެ މީހެއް 10،000ރ. އިން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.
ހަނިފަރު ސަރަހައްދަކީ ޖޫން 28، 2011 ގައި ކަނޑައެޅުނު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގެ ކޯއޭރިޔާގެ ތެރޭގައި ހިމެނޭ މުހިންމު ސަރަހައްދެކެވެ.