15:00


ޖޭއެސްސީން ބުނީ ގާނޫނު އަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ގާނޫނު އަސާސީގެ 149 މާއްދާގައި ބުނާ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅައި ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އޮންނާތީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާއިން ވަނީ މިއަދާ ހަމައަށް ޝަރުތު ހަމަވާކަން ނުވަތަ ނުވާކަން ކަނޑަނޭޅި ބާކީ ތިއްބެވި ފަނޑިޔާރުންގެ ކަންކަން ނިންމާފައި ކަމަށެވެ.


އެގޮތުން 197 ފަނޑިޔާރުންގެ ތެރެއިން 191 ފަނޑިޔާރެއް ޝަރުތު ހަމަވާ ކަމަށް ނިންމައި އަދި ހަ ފަނޑިޔާރެއް ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް މުޖުތާޒު ފަހުމީ މިއަދު ވިދާޅުވީ ޝަރުތު ހަމަނުވި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ މާލޭގެ ފަނޑިޔާރަކާއި، ފަސް މެޖިސްޓްރޭޓުން ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުޖްތާޒު ވިދާޅުވި އެވެ. އަދި ޝަރުތު ހަމަވާ ފަނޑިޔާރުން ހުވާ ކުރުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށް ވެސް މުޖްތާޒު ވިދާޅުވި އެވެ.


ޝަރުތު ހަމަވާ ފަނޑިޔާރުންގެ ތެރެއިން ހުވާނުކޮށް މާލޭގައި ތިބި ފަނޑިޔާރުން މިއަދު ހަވީރު ހުވާކުރުން ޖޭއެސްސީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.