04 Mar 2010, 11:49
14:30
އެޓާނީ ޖެނަރަލް ހުސްނު ސުއޫދު މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާކަން، ސުޕްރީ ކޯޓުން އިއްވެވި ހުކުމަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ބުނެ މިހާރުން މިހާރަށް މަގާމުން އިސްތިއުފާ ދެއްވުމަށް އެޓާނީ ޖެނެރަލަށް ލޭބާ ޕާޓީން ގޮވާލައިފި އެވެ.
މިކަމަށް ގޮވާލައި ލޭބާ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރަކު އެ ކޮމިޝަނަށް އައްޔަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ފަސްޖެހިވަޑައިގެން އެ މެންބަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައްޔަންނުކޮށް ފަރުޖެއްސޭނެ އެއްވެސް މަގެއް އޮތްތޯ ބެލުމަށް ބަންޑާރަ ނާއިބު ހުސްނު ސުއޫދު މެދުވެރިކޮށް ސަރުކާރުން ސްޕުރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން އިއްޔެ އިއްވި ހުކުމުން، އެޓާނީ ޖެނެރަލް ހުސްނު ސުއޫދު އޭނާގެ މަގާމުގެ ވާޖިބު ފުރިހަމަޔަށް އަދާކުރަމުން ނުދާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބައްލަވައި ދިރާސާކުރައްވައި މި މައްސަލައިގައި އިއްވެވި ހުކުމުގައި، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން މުޅި ދައުލަތް ތަމްސީލްކުރުމުގެ ވާޖިބު މި މައްސަލައިގައި އެޓާނީ ޖެނެރަލް އަދާނުކުރައްވާކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ދިފާއުކުރެއްވުމަށް އެޓާނީ ޖެނެރަލް މަސައްކަތްކުރައްވާކަމީ، ގާނޫނު އަސާސީއާ ހިލާފުކަމެއްކަން ފާހަގަކުރައްވާފައިވާ ކަމަށާއި، މިފަދަ މައްސަލައެއްގައި ސަރުކާރަށް ލަފާދޭންޖެހޭ މީހަކީ ސީދާ ބަންޑާ ރަނާއިބު ކަމުގައި ގާނޫނު އަސާސީގައި ބުނެފައިވާއިރު މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިގެން މި ކަމުގައި އެ ކޯޓުން ގޮތެއް ނިންމަން އެޓާނީ ޖެނެރަލް ކުރެއްވި މަސައްކަތަކީ ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގައި އަމަލުކުރަން ޖެހޭގޮތާ ހިލާފަށް ބަންޑާރަ ނާއިބު ކުރެއްވި ކަމެއްކަން ފާހަގަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސުޕުރީމްކޯޓުން އިއްވެވި ހުކުމުގައި އެޓާނީ ޖެނެރަލް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ގާނޫނީ ޒިންމާތަކުން ރެކިވަޑައިގެން ސުޕުރީމް ކޯޓާ ކަންކަން ހަވާލުކުރަން މަސައްކަތްކުރައްވާކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި، އެކަމަކީ އެޓާނީ ޖެނެރަލް، އޭނާގެ މަގާމު އަދާކުރެއްވުމުގައި ނާގާބިލްވެ، ފޭލްވެއްޖެކަން އެންމެ މަތީ ކޯޓުގެ ބަހުން އެނގި ކަށަވަރުވެގެން ދިއުން ކަމުގައި ދެކޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މި ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ، ރާއްޖޭގައި މި ހިންގަވަނީ ވަރަށް ޑިމޮކްރެޓިކް ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައުވާ ކުރައްވާއިރު، ޑިމޮކްރެޓިކް ވެރިކަމެއް ހިނގާ އެއްވެސް ގައުމެއްގެ ރައީސަކު ނުވަތަ ވަޒީރަކު ނުވަތަ ސަރުކާރުގެ އިސް ބޭފުޅަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގައި އަދުލުވެރި ނޫން ކަމާއި، ޒިންމާތައް ފުރިހަމައަށް އަދާނުކުރާ ކަމަށް ގައުމުގެ އެންމެ މަތީ ކޯޓުގެ ހުކުމަކުން ކަށަވަރުވެގެން ހިނގައްޖެ ހާލަތެއްގައި ވަގުތުން އެމީހަކު މަގާމުން ވަކިކުރުމަކީ، ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމުން ހުސްނުސުއޫދު އެޓާނީ ޖެނެރަލް ކަމުގެ މަގާމުން ވަކިކުރެއްވުމަކީ، ރައީސް ނަޝީދުގެ ގާނޫނީ އަދި ޑިމޮކްރެޓިކް ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އިތުރަށް އެ މަގާމުގައި ދެމިހުންނެވުމަށް ސުޢޫދު މަސައްކަތް ކުރައްވާނަމަ ރައްޔިތުންގެ މަޖިލީހުގައި އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ލޭބާ ޕާޓީގެ ނޫސްބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދަވާފައި ވަނިކޮށް ހަސަން ލުތުފީގެ ނަމަށް މަޖިލީހުން ރުހުން ދީފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަސަން ލުތުފީ އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމް ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް، އެޓާނީ ޖެނެރަލް ސުޕުރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަކީ އެ ކޯޓަށް ބެލޭނެ ގޮތަކަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި އެ ކޯޓުން އެ މައްސަލަ އިއްޔެ ވަނީ ނިންމައިފަ އެވެ.
ސުޕުރީމް ކޯޓުގެ ނިންމުން އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިއްޔެ ވިދާޅުވީ، ސަރުކާރަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދޭ މީހަކީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށެވެ. އަދި ސުޕުރީމް ކޯޓުން މި މައްސަލައިގައި ލަފަޔެއް ދިނުމަކީ ސީދާ ބަންޑާރަ ނައިބު ސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުމާ ތައާރަޒްވާ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި މައްސަލައަކީ ދައުލަތުގެ ދެ ބާރެއްގެ ނިންމުމާ ގުޅިގެން އުފެދިފައިވާ މައްސަލައެއް ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއް ވެސް ތަމްސީލު ކުރަންޖެހެނީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބުނެފައިވި، ނަމަވެސް މި މައްސަލައިގައި ބަންޑާރަ ނައިބު، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ދިފާއުކުރައްވާފައިވާތީ ގާނޫނު އަސާސީގެ 133ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ބަންޑާރަ ނައިބަށް މުޅި ދައުލަތް ތަމްސީލު ނުކުރެއްވޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން އެޓާނީ ޖެނެރަލް ނުވަތަ ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.