25 Jul 2023, 16:47
އިދިކޮޅުގައި މި ވަގުތު އޮތް އެންމެ ބޮޑު ޕާޓީކަމަށްވާ ޕީޕީއެމްގެ އަޑު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތަމްސީލްވާންޖެހޭކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިންނާއެކު ކުރެއްވި މަޝްވަރާއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލަކާ ގުޅިގެން ފާރިސް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަކީ ޝަރުއީ ކޯޓެއްގައިި ހިނގަމުން އަންނަ މައްސަލައެއްކަމުން އެ ކަމުގައި ތަފްސީލީ ވާހަކަތަކެއް ދައްކަވަން ބޭނުންވެނުލައްވައިކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ މެމްބަރުން ވެސް ބަލައިގަންނަކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ އަޑު ވެސް އިވެންވާނެކަމަށް ފާރިސް ވިދާޅުވިއެވެ.
"ޕީޕީއެމްގައި ތިއްބެވި ގިނަ މެމްބަރުންނަކީ އަޅުގަނޑުމެންނާ ވެސް ގާތް ގުޅުމެއް ހުރި ބޭފުޅުން. އެހެންވީމާ އެ ބޭފުޅުންގެ ވެސް އަޑު ނުވަތަ އެ ބޭފުޅުން އެދިވަޑައިިގަންނަވާ ގޮތެއް މި ރިޔާސީ އިންތިޚާބުގައި ތަމްސީލްކުރެވިގެން ދާންޖެހޭކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" ފާރިިސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއީ ވަކި ބޭފުޅަކަށް ކެންޑިޑެންސީ ލިބިގެން، އިންތިޚާބުގައި ވާދަކުރަން ފުރުސަތު ލިބިގެން، ހިނގަންވާނެ ކަމެއްގެ ގޮތުގައި ވިދާޅުވެ ނުލައްވާނެކަމަށް ފާރިސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ޕީޕީއެމްގެ އަޑު ވަަރަށް މުހިންމުކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފާރިސް ވިދާޅުވިއެވެ.
މި ކަމުގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަކުރައްވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް "ސަން"އަށް ވިދާޅުވީ، ވަކި ރައީސް ޔާމީން ނޫނަސް ކޮންމެ ރައްޔިތަކަށް ވެސް އިންސާފު ކަށަވަރުވާން ޖެހޭކަމަށެވެ.
"އަދުލު އިންސާފު ލިބުމުގައި ހަމަހަމަކަން އޮންނަންޖެހޭނެ. އެ އުސޫލު ރައީސް ޔާމީނަށް ވެސް، އަދުލު އިންސާފުގައި ހަމަހަމަކަން ލިބެންޖެހޭނެ. އެއީ އެ މަނިކުފާނުގެ އާއިލާ ބޭފުޅުން ވެސް އަދި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އެބަ ވިދާޅުވޭ އެމަނިކުފާނަށް އިންސާފެއް ނުލިބެޔޭ،" އަމީން ވިދާޅުވިއެވެ.
އެ ގޮތަށް ވަކާލާތުކުރާ ނަމަ އެ އަޑު އެހުމަކީ މުހިންމު ކަމެއްކަމަށް އަމީން ވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް އިންސާފު ނުލިބޭނަމަ ސިޔާސީ ޕާޓީތަކުން ވެސް އެ މަނިކުފާނަށް އިންސާފު ކަށަވަރުކޮށްދިނުމަށް ގޮވައިލަން ޖެހޭކަމަށް އަމީން ވިދާޅުވިއެވެ.