25 Jul 2023, 13:14
ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިޚާބީ ހައްގުތައް ކަށަވަރު ކުރަން، އެ މަނިކުފާނުގެ ފަރާތުން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ އާ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިކަން ކަށަވަރު ކޮށްދީފައެވެ. އެކަމަކު، އެ މަނިކުފާނުގެ ގާނޫނީ ޓީމުން ފޯނަށް ޖަވާބު ނުދޭތީ، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޔާމީންގެ އިންތިޚާބީ ހައްގުތައް ކަށަވަރު ކުރަން، މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓަރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމައިފައެވެ.
މިއަދު ހުށަހެޅި އާ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ މަނިކުފާނު މިހާރު ވެސް ގެންދަވަނީ އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
އެކަމަކު، ޖަލުގައި ހުންނަވައިގެން ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކެންޑިޑެންސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، އެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ.
ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް، އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ އިސްތިއުނާފު ވެސް ކޮށްފައެވެ. އެކަމަކު، އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީ ނެގުމުގެ ސަބަބުން، އެ މައްސަލަ އޮތީ މަޑު ޖެހިފައެވެ.
އެހެންވެ، ނިހާއީ ހުކުމެއް ނެތް ނަމަ، އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ޕީޕީއެމުން ގަބޫލުކުރެއެވެ.