މި އަހަރުގެ ފުރަތަ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، 18 އަހަރުން ދަށުގެ ކުށްކުރާ ކުދިންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފި އެވެ.

ކުޑަކުދިން ކުރާ ކުށްތަކާ ބެހޭ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސް ހިސާބުތަކަށް ބަލައި އެ ޔުނިޓުން އާންމުކުރި ރިޕޯޓުގައި ބުނަނީ ކުށްކުރުމުގައި ބޮޑެތި މީހުންނާ އެކު 18 އަހަރުން ދަށުގެ ކުދިން ބައިވެރިވާ ނިސްބަތް އިތުރުވެފައިވާ ކަމަށާއި އޭގެތެރެ އިން ގިނައީ ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތްދީފައިވާ ކުދިން ކަމަށެވެ.

އެ ރިޕޯޓުގައި ބުނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޖުވެނައިލް ކޯޓަށް ކުޑަކުދިންގެ ޖުމްލަ 21 މައްސަލަ ހުށަހަޅާފައިވާ އިރު އޭގެރެ އިން 13 މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނަނީ ކުޑަކުދިންނާ ބެހޭ ޖުމްލަ 113 މައްސަލަ ފުލުހުންނަށް ހުށަހެޅުނު އިރު އޭގެތެރޭގައި މާރާމާރީ ހިންގުމުގެ 28 މައްސަލަ އަކާއި މަސްތުވާތަކެތީގެ 18 މައްސަލައަކާއި ވައްކަމުގެ 20 މައްސަލަ އާއި ފޭރުމުގެ ހަތަރު މައްސަލައެއް ހިމެނޭ ކަމަށެވެ. އަދި ބަދުއަޚުލާގީ އަމަލުހިންގުމުގެ 13 މައްސަލައަކާއި ޓްރެފިކާ ގުޅިގެން ހުށަހެޅުނު މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި 21 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ރިޕޯޓުގައި ބުނަނީ ކުށް ކުރުމުގައި ފިރިހެން ކުދިންނެކޭ އެއްފަދައިން އަންހެން ކުދިން ވެސް ބައިވެރިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި ނަމަވެސް ގިނައީ ފިރިހެން ކުދިންގެ މައްސަލަތައް ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ގިނައީ ސްކޫލް ނުނިންމާ ކުދިންގެ މައްސަލަތައް ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 68 ޕަސެންޓް ކުދިންނަކީ ސްކޫލް ނިންމާފައިނުވާ ކުދިންކަމަށާއި އަދި އޭގެތެރެއިން ނުވަ ޕަސެންޓް ކުދިންނަކީ ސްކޫލް ނިންމާފައިވާ ކުދިން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނަނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ފަސް ޕަސެންޓަކީ މައްސަލަ ހުށަހެޅުނު އިރު ސްކޫލަށް ދާކުދިން ކަމަށެވެ. އަދި ކިޔަވާ އުމުރުގައި ތަފާތު ސަބަބުތަކާ ހުރެ ސްކޫލުން ވަކިވެފައިވާ ކުދިން ކުށްތަކަށް އަރައިގަންނަ ނިސްބަތް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.