އެމެރިކާ ކްލަބު އިންޓަ މަޔާމީއަށް ކުޅުނު ފުރަތަމަ މެޗަށްފަހު، އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ރަސްމީކޮށް އެ ކްލަބުގެ ކެޕްޓަންކަމުގެ މަގާމު ދީފިއެވެ.

އެމެރިކާގެ ލީގްސް ކަޕްގައި މިދިޔަ ހޮނިހިރު ދުވަހު ކްރުޒް އަޒުލްއާ ދެކޮޅަށް ކުޅެ، 2-1 ގެ ނަތީޖާއަކުން އިންޓަ މަޔާމީ މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ފެނުނު ނަމަވެސް، އެ ވަގުތުކޮޅުގައި ވެސް އެ ކްލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔައީ އޭނާއެވެ. އެ މެޗަކީ އިންޓަ މަޔާމީގެ ޖާޒީގައި އޭނާ ފެނުނު ފެނުނު ފުރަތަމަ މެޗެވެ.

އެ މެޗުގެ ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންޓަ މަޔާމީއަށް މޮޅު ކަށަވަރުކޮށްދިނީ ވެސް މެސީއެވެ. އޭނާ އެ ގޯލު ޖަހާފައިވަނީ ހިތްގައިމު ހިލޭ ޖެހުމަކުން، ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އިންޓަ މަޔާމީގެ ކޯޗު ޖެރާޑޯ މާޓިނޯ ވަނީ އެ ކްލަބުގެ ކެޕްޓަން ބޭންޑުގައި ދެން ފެނިގެންދާނީ މެސީކަން ކަށަވަރުކޮށްދީފައެވެ.

އިންޓަ މަޔާމީގެ ކެޕްޓަނެއްގެ ގޮތުގައި ކުރިން ހުރީ އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ބްރެޒިލް މިޑްފީލްޑަރު ގްރެގޯރޭއެވެ. ގްރެގޯރޭ އެނބުރި އައި ނަމަވެސް، މެސީ އަތުން ކެޕްޓަން ބޭންޑު އަތުލާނެ ކަމަކަށް ނުބެލެވެއެވެ.

އިންޓަ މަޔާމީގެ ސްކޮޑުގައި ވެސް އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ މެސީއެވެ. އޭނާ ވަނީ ބާސާ އިން ވަކިވުމުގެ ކުރިން އެ ކްލަބުގެ ކެޕްޓަންކަމުގެ ދައުރު ވެސް އަދާކޮށްފައެވެ. އޭގެ އިތުުރުން އާޖެންޓީނާ އިން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ވެސް މެސީގެ ކެޕްޓަންކަމުގެ ދަށުންނެވެ.