ސައުދީ އަރަބިއާގެ އަލް ހިލާލުން ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް ހުށަހެޅި 300 މިލިއަން ޔޫރޯ (332 މިލިއަން ޑޮލަރު)ގެ އަގު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހެދުމުން ކުރިއަށްއޮތް ސީޒަން ނިމުމުގެ ކުރިން ޕީއެސްޖީއަށް އޮތީ އޭނާ ވިއްކާލުމަށް މަޖުބޫރުވެފައެވެ. އޭނާ ވިއްކާ ނުލެވިއްޖެ ނަމަ، އަންނަ ސީޒަން ނިމުމުން އެމްބާޕޭ، ޕީއެސްޖީ ދޫކޮށް ދާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

އޭއެފްޕީން މިހާރު ރިޕޯޓުކުރާ ގޮތުގައި އަލް ހިލާލްގެ ހުށަހެޅުން ޕީއެސްޖީން ގަބޫލުކޮށް، އެމްބާޕޭއާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

އަލް ހިލާލުން ހުށަހަޅާފައިވަނީ އެމްބާޕޭ ވެސް ބޭނުންވާނެ ފަދަ ހުށަހެޅުމެކެވެ. އެމްބާޕޭ ހޯދުމަށް އަލް ހިލާލުން ޕީއެސްޖީއަށް 300 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅާފައިވާ އިރު، އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެމްބާޕޭ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

އިތުބާރު ހުރި މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ހުށަހެޅުމަށް އެއްބަސްވެއްޖެ ނަމަ، އަލް ހިލާލުން އެމްބާޕޭއަށް މުސާރައިގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް 700 މިލިއަން ޔޫރޯ ދޭނެއެވެ. އަދި އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، އެމްބާޕޭ ބޭނުންވާ ގޮތަށް 2024 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.