މޮސްކޯ (މޭ 5): ނޭޓޯ އިން ޔޫރަޕްގައި ޤާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމަކީ ރަޝިޔާއަށް އޮތް ބިރެއްކަމަށް ސިފަކުރައްވައި ސުޓްރެޓީޖިކް ހަތިޔާރުން ޙަމަލާދީ އެ ނިޒާމް ހަލާކުކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ނިކޮލައި މަކާރޯވް ދެއްވައިފި އެވެ.

ރަޝިޔާގެ އިންތިޚާބުކުރެވިފައިވާ ރައީސް ވްލަޑިމޭރު ޕޫޓިން ވެރިކަމާ ޙަވާލުވެވަޑައިގަންނަވަން އެންމެ ފަސް ދުވަހަަށް ވެފައިވަނިކޮށް އެޤައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ނިކޮލައި މަކާރޯވް، ހުޅަނގަށް ދެއްވި އިންޒާރެއްގައި ވިދާޅުވީ ރަޝިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާކުރާ ނިޒާމެއް ޤާއިމްކުރާތަން ބަލަން ރަޝިޔާ ނޯންނާނެ ކަމަށާއި ނޭޓޯ އިން ޔޫރަޕްގައި ޤާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ ހުރިހާ ބައިތަކަކަށް ޙަމަލާދީ އެނިޒާމު މުޅިން ހަލާކުކޮށްލަން ރަޝިޔާ އަށް މަޖްބޫރުވަމުންދާ ކަމުގަ އެވެ.

ރަޝިޔާއަކީ ދުނިޔޭގައި ވެސްް ނިއުކްލިޔާ ސުޓްރެޓީޖިކް ބާރުތައް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޤައުމެވެ. ރަޝިޔާގެ ކެލިންގްރާޑްގައި ރުކުރުވާލާފައިވާ ސުޓްރެޓީޖިކް ހަތިޔާރުތައް ބޭނުންކޮށްފި ނަމަ މަދު މިނިއްޓުކޮޅެއްގެ ތެރޭގައި ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމް މުޅިން ފުނޑުފުނޑުކޮށްލެވިދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އިރުމަތީ ޔޫރަޕްގައި ނޭޓޯ އިން ޤާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމްގެ އަމާޒަކީ އީރާނާއި އުތުރުކޮރެޔާ ކަމަށް ނޭޓޯ އިން ބުނި ނަމަވެސް މިއީ ރަޝިޔާ ސްޓްރެޓީޖިކް ހަތިޔާރުތައް އިނދަޖައްސާލުމަށް ޓަކައި ޙީލަތްތެރި ރޭވުމެއްގެ ދަށުން އެމެރިކާ އަޑީގައި އޮވެގެން ކުރާކަމެއް ކަމަށް ރަޝިޔާ ދެކެ އެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު އަނަތޯލީ ސަރްދިކޯވް އިއްޔެ ވިދާޅުވީ ނޭޓޯގެ މިސައިލް އައްޑަނައިގެ ޙަޤީޤީ މަޤްސަދަކީ ރަޝިޔާގެ ސްޓްރެޓީޖިކް މިސައިލްތަކަށް ހުރަސްއަޅައި އެތަކެތި ވައްޓާލުމުގެ ޤާބިލްކަން ހޯދުންކަމަށާއި މިމައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށްޓަކައި ނޭޓޯއާ އެކު ދައްކަމުން ގެންދިޔަ ވާހަކަތައް ނާކާމިޔާބު ވެފައިވާކަމުގަ އެވެ.
ނޭޓޯ އިން ޔޫރަޕްގައި ޤާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރު ރަޝިޔާ ދިނުމާ އެކު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވަނީ ރަޝިޔާގެ އިންޒާރާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރަޝިޔާގެ އިންޒާރަކީ ސަބަބެއްނެތި ދީފައިވާ އިންޒާރެއް ކަމަށާއި ނޭޓޯގެ މިސައިލްއައްޑަނައިގެ ނިޒާމަކީ ރަޝިޔާއަށް އޮތް ބިރެއްނޫން ކަމަށް ރަސްމޯސަން ވިދާޅުވި އެވެ. (ރޮއިޓާސް)