25 Jul 2023, 08:33
މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑްގެ ފެންވަރު، މިދިޔަ ސީޒަނަށްވުރެ ކުރިއަށްއޮތް ސީޒަނުގައި ރަނގަޅުވާނެ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޖަޕާނުގައި އިއްޔެ ޔޮކޮހާމާ މެރީނޯސްއާ ދެކޮޅަށް ކުޅެ، 5-3ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހައިފައެވެ. އެ މެޗަށްފަހު ގާޑިއޯލާ ވެސް ވަނީ ހާލަންޑްގެ ކުޅުމަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ހާލަންޑްގެ ފުރަތަމަ ސީޒަން ވެސް ނިންމާލީ ރެކޯޑު 36 ގޯލާއެކުއެވެ. ނަމަވެސް ސީޒަންގެ ތެރެއިން ވަކި ހިސާބެއްގައި އޭނާގެ ކުޅުން ދަށްވި ކަމަށްބުނެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވިއެވެ.
"މިދިޔަ ސީޒަނަށްވުރެ، ކުރިއަށްއޮތް ސީޒަނުގައި ހާލަންޑްގެ ފެންވަރު މާ ރަނގަޅުވާނެ. އޭނާ މިހާރު މާ ފިޓް، ކުރީ ސީޒަނަށްވުރެ ކުޅުން ވެސް މާ ރަނގަޅު. އަހަރެންނަށް އެނގޭ އެންމެންވެސް ބޭނުންވާނީ މިދިޔަ ސީޒަނުގައި އޭނާ ދެއްކި ކުޅުންކަން. އެކަމަކު މިހާރު އޭނާ އެއަށްވުރެ ވެސް މޮޅު،" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ މިދިޔަ ސީޒަންގެ ފަހު މެޗުތަކުގައި ގޯލުތަކެއް ޖެހިފައިނުވުމުން ކުރިއަށްއޮތް ސީޒަނުގެ ފުރަތަމަ މެޗުގައި ދެ ގޯލު ޖެހުން މުހިންމު ކަމަށާއި ހާލަންޑް ކުރަން ޖެހޭނެ ކަންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ކުރިއަށްއޮތް ސީޒަނާ ހާލަންޑް ކުރިމަތިލާނީ ވަރަށް ރަނގަޅު ފޯމެއްގައި ހުރެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ސިޓީއާ ގުޅުމަށްފަހު، އޭނާގެ ގޯލު ޖެހުމުގެ ރެކޯޑުތަކާއެކު ފާހަގަވެގެންދިޔައީ ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވަޑެއްގެ ގޮތުގައެވެ. މިދިޔަ ސީޒަނުގައި ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން އެ ކްލަބުގެ ފުރަތަމަ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ހާލަންޑެވެ.