ހިންދީ ސިނަމާގެ ލެޖެންޑްރީ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މަނިޝް މަލްހޯތްރާ ބުނެފިއެވެ.

ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަށް ފެޝަން ޑިޒައިނަރެއްގެގޮތުގައި މަސައްކަތްކޮށްދެމުން އަންނަ ޑިޒައިނަރުގެ މިއީ ފުރަތަމަ ޑައިރެކްޝަންވެސްމެއެވެ.

ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާކަމަށް ބުނަމުން މަނިޝް ބުނެފައިވަނީ މިހާރު ފިލްމުގެ މަސައްކަތްއޮތީ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަރުޙަލާގައިކަމަށެވެ.

މިހާތަނަށް ހިންދީ ސިނަމާ ދުށް އެންމެ ކާމިޔާބު އަދި ގިނަ ބައެއްގެ ހިތް އަތުލި މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމާފައިވާއިރު ދާދިފަހުން އާއިލާއިންވަނީ މަނިޝް މަލްހޯތްރާއާއި ފިލްމު އުފައްދާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރާނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މަނީޝް އެއްވެސްކަހަލަ ރައްދެއް މިހާތަނަށް ދީފައެއް ނުވެއެވެ. ބަތަލާ ކްރިތީ ސެނޮން މީނާ ކުމާރީގެ ރޯލްކުޅޭ މިފިލްމަކީ ވަރަށް ކުރީއްސުރެވެސް އުފައްދަން ބޭނުންވި ފިލްމެއްކަމަށް މަނިޝްވަނީ ބުނެފައެވެ.

ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނިކުންނަ ފިލްމު ކުރީގެ ބަތަލާ މީނާ ކުމާރީއަށް ހާއްސަކުރީ ވަރަށް ގިނަ ސަބަބުތަކާހެދި ކަމަށް ނޫސްވެރިޔަކު ސުވާލުކުރުމުން މަނިޝްވަނީ ބުނެފައެވެ. އަދި މިކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކުރީގެ ބަތަލާ ރޭކާކަމަށް ޢުމުރުން 56އަހަރުގެ ޑިޒައިނަރުވަނީ ބުނެފައެވެ. ވަރަށް ކުރިން ރޭކާއާއި މަނިޝްއާ ދެމެދު ކުރެވުނު މަޝްވަރާތަކެއްގައި މީނާ ކުމާރީގެ ފިލްމީ ޙަޔާތާބެހޭ ވަރަށް ގިނަ ވާހަކަތަކެއް އެނގުނުކަމަށް މަނީޝްވަނީ ބުނެފައެވެ. އެހެންނަމަވެސް އޭރު އެއީ ޒުވާން ޢުމުރުކަމުން ފިލްމެއް އުފައްދާނެ ވިސްނުން ނުގެންގުޅޭކަމަށާއި ހުރިހާ ސަމާލުކަމެއްވެސް ފެޝަން ޑިޒައިނިންގްގެ ދުނިޔެއަށްކަމަށް މަނީޝްވަނީ ބުނެފައެވެ.

މަނީޝް ފިލްމީ ދާއިރާއަށް ޑައިރެކްޓަރެއްގެގޮތުގައި ނުކުންނަ މިފިލްމާބެހޭ ތަފުސީލުތައް ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެކަމަށްވަނީ ބުނެފައެވެ. މިފިލްމާ ދެކޮޅަށް މީނާ ކުމާރީގެ އާއިލާއިން ދައުވާ އުފުލުމަށް ނިންމާފައިވާއިރު ފިލްމު ފެށުމުގައި ހުރަސްތަކެއް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.