25 Jul 2023, 09:47
އޮޕެންހައިމާ އަކީ މި އަހަރުގެ އެންމެ ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. މި ފިލްމުގެ ރޯލަށް ތައްޔާރުވުމަށް އެކްޓަރުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ހާއްސަކޮށް ލީޑް ރޯލުން ފެންނަ ކިލިއަން މާފީއެވެ. ފިލްމުގެ ރޯލަށް ކިލިއަން ގެންގުޅުނު ހަރުކަށި ޑައިޓް ވަނީ ދާދިފަހުން ހާމަވެފައެވެ.
ކިލިއަންގެ ރޯލާ ގުޅޭގޮތުން ކޯސްޓާ އެމިލީ ބްލަންޓް ވަނީ އިންޓަވިއުއެއްގައި އާ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ވަރުގަދަ ޓްރެއިނިންތައް ކާސްޓުން ހަދާފައިވާ ކަމަށާއި ކިލިއަންގެ ވަރުގަދަ ޑައިޓުގެ ވާހަކަ ވެސް އެމިލީ ބުންޏެވެ.
އޮޕެންހައިމާގެ ރޯލަށް ކިލިއަން ތައްޔާރު ވުމަށްޓަކައި އޭނާގެ ޑައިޓު ވަރަށް ބޮޑަށް ކުޑަކުރަން ޖެހުނު ކަމަށް އެމިލީ ބުންޏެވެ. އެގޮތުން ފިލްމުގެ ޝޫޓިންތައް އޮތް ދުވަސްވަރު ކިލިއަން ހުރީ ދުވާލެއްގެ މައްޗަށް ހަމައެކަނި އެއް އާމަންޑް ކައިގެން ކަމަށް އެމިލީ ހާމަކުރިއެވެ.
އޮޕެންހައިމާގެ ކެެރެކްޓަރަކީ އަސްލު މީހެއްގެ ވާހަކައެވެ. އޭނާ ހުންނަ ގޮތަށް ހަށިގަނޑު ބަދަލު ކުރުމަށް ކިލިއަންގެ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލަން ޖެހުނެވެ.
"ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު މި ރޯލަށް. ވަރަށް އުނދަގޫ މަސައްކަތެއް މި ކުރެވުނީ. ވީހާވެސް އަސްލާ އެއްގޮތަށް ކުރުމަށް ކޮސްޓިއުމް އާއި މޭކަޕް ވެސް ބޮޑު އެހީއެއް ވި،" އިންޓަވިއުއެއްގައި ކިލިއަން ބުންޏެވެ.
އާމަންޑްގެ އިތުރުން އޭނާގެ ޑައިޓުގައި ހިމެނެނީ ގިނައިން ފެނެވެ. އަދި ބައެއް ރޭރޭ މަދު މަދުން އާފަލު ފޮށްޗެއްވެސް ކައި އުޅޭ ކަމަށް އެމިލީ ފާހަގަކުރިއެވެ.
ފިލްމުތަކުގެ ރޯލުތަކަށް އެކްޓަރުން ބޮޑެތި ޑައިޓްތައް ބޭނުން ކުރެއެވެ. ބައެއް އެކްސްޓްރީމް ޑައިޓުތަކުގައި ފާހަގަ ނުކުރެވޭ ބޮޑެތި ބަދަލުތައް ހަށިގަނޑަށް ގެނެއެވެ. އޭގެތެރޭގައި ވާކީން ފީނިކްސް އާއި ކްރިސްޓިއަން ބޭލް އަދި ޖޭރެޑް ލީޓޯ ހިމެނެއެވެ.