25 Jul 2023, 09:43
މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑަރީ ލަވަކިޔުންތެރިޔެއް ކަމަށްވާ ޝާގެ އަމިއްލަ އައިސްކްރީމް ބްރޭންޑެއް ލޯންޗު ކުރަން ތައްޔާރުވެއްޖެއެވެ.
"ބިލީވް" އާއި "އިފް އައި ކުޑް ޓާން ބެކް ޓައިމް" ފަދަ ލަވަ ތަކާއެކު މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ދާދިފަހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޖެލާޓޯ ބްރޭންޑެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންސްޓަގްރާމް އަށް ލީ ޕޯސްޓެއްގައި ޝާ ބުނެފައިވަނީ ޖެލާޓޯ ކުންފުންޏެއްގެ ހުވަފެން ދެކެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ފަސް ވަރަކަށް އަހަރު ކުރީން އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތް ފެށުނު ކަމަށް އޭނާ ބުންޏެވެ.
މިހާރު އެންމެ ފަހުން ހުވަފެން ހަގީގަތަކަށް ވާތީ އެކަން ގަބޫލު ވެސް ނުކުރެވޭ ކަމަށް ޝާ ފާހަގަކުރިއެވެ.
https://twitter.com/TeaTimeTips2/status/1683146366883692546
ޝާ ސޯޝަލް މީޑިއާއަށް ލީ ޕޯސްޓަކުން ހާމަވެފައިވާ ގޮތުގައި އޭނާގެ ޖެލާޓޯ ބްރޭންޑަށް ކިޔާނީ "ޝާލާޓޯ" އެވެ. މިއާއެކު ޝާ ވަނީ ސޯޝަލް މީޑިއާގައި ޓްރެންޑުވެސް ވެފައެވެ.
އުމުރުން 77 އަހަރުގެ ޝާގެ ޝާލާޓޯ އިން އުފައްދާނީ ކޮން ބާވަތްތަކެއްގެ އައިސްކްރީމް އެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމުކޮށް ލިބޭ އައިސްކްރީމް ފްލޭވާތަކުގެ އިތުރުން ބްރޭންޑަށް ހާއްސަ ފްލޭވާތަށް ވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ އިޝާރާތްތަކެއް ކޮށްފައެވެ.
ޝާލާޓޯ ބްރޭންޑުގެ ދަށުން އައިސްކްރީމް ތައްޔާރުކޮށް އެ ވިއްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި އައިސްކްރީމް އަކީ އާންމުންނަށް އަތް ފޯރާނެ ނުވަތަ ލަގްޒަރީ އައިސްކްރީމް ބްރޭންޑެއް ކަމެއް ވެސް އޭނާ އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ބްރޭންޑުގެ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ޝާ ބުނެފައިވެއެވެ.