25 Jul 2023, 09:41
ހޮލީވުޑްގެ މަޝްހޫރު ބޮޑެތި ތަރިން ހުސް ވަގުތު ކޮށް އުޅެނީ އެކި ކަހަލަ ކަންތައްތަކެވެ. އެއްބައި މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރެއެވެ. އަނެއް ބައި މީހުން އެކި ކަހަލަ އެންޖީއޯތަކުގައި މަސައްކަތް ކުރެއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ ހުސް ވަގުތު ކުރަނީ ތަފާތު ކަމެކެވެ. އެއީ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރުމެވެ.
ލާނާ އަކީ މިހާރުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިއެވެ. އަމިއްލަ މިއުޒިކް ޖާންރާއެއް ތައާރަފުކޮށް ގިނަ ބަޔަކަށް ލާނާ އިނގެނީ "ސޭޑް ޕޮޕް" ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. ލާނާއަކީ ބޮޑު އާމްދަނީއެއް ލިބޭ އޭ ލިސްޓު ލަވަކިޔުންތެރިއެކެވެ.
ލާނާ ދާދި ފަހުން ވައިރަލް ވެފައިވަނީ އޭނާ ހުސްވަގުތު މަސައްކަތް ކުރަން ހުރި ތަނެއްގެ ގޮތުންނެވެ. މިދިޔަ ހަފުތާ ލާނާ ދިރިއުޅެމުން ދިޔައީ އެމެރިކާގެ އެލަބޭމާގައެވެ. ނަމަވެސް ލާނާ އާންމު ގޮތެއްގައި ދިރިއުޅެނީ އެހެން ތަރިންތައް ހެން ލޮސް އެންޖެލެސްގައެވެ.
https://twitter.com/PopCrave/status/1682176754792955905
އެލަބޭމާއަށް ގޮސް އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން ކަމަށްވާ "ވޮފުލް ހައުސް"ގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން ދިޔަ ވީޑިއޯއެއް ވަނީ ދާދިފަހުން އާންމުވެފައެވެ. ލާނާ މަސައްކަތް ކުރަމުން ދިޔައީ ކައުންޓަރުގައެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދިޔައީ ވޮފުލް ހައުސް ޔުނިފޯމް ވެސް ލައިގެންނެވެ.
އެތަނަށް ލާނާގެ ފޭނުން ވެސް ގޮސްފައިވާއިރު އެތައް ބަޔަކު ވަނީ ލާނާ އާއެކު ސެލްފީ ނަގައި އޭނާގެ އޮޓޮގްރާފް ވެސް ހޯދާފައެވެ.
ވޮފުލް ހައުސްގައި ލާނާ މަސައްކަތް ކުރަމުން ދިޔައީ ކީއްވެ ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ އެތަނުގައި މަސައްކަތް ކުރަމުން ދަނީ ކިހާ މުއްދަތަކަށް ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ލާނާގެ ހުސް ވަގުތުތަކުގައި މިގޮތަށް ވޮލެންޓިއާ ކޮށް ތަންތަނުގައި މަސައްކަތް ކުރެއެވެ. އަދި ހާލުގައި ޖެހިފައި ތިބޭ މީހުންނަށް ކާން ދިނުމަކީ ވެސް ލާނާ ހުސް ވަގުތު ކުރާ މަސައްކަތެއް ކަމަށް މައުލޫމާތު ލިބެއެވެ.