ސިމް ކާޑު ނެގޭ މިންވަރު ލިމިޓުކޮށް ކޮންމެ ދިވެހި ރައްޔިތަކަށް 10 ސިމް ކާޑު އަދި ބިދޭސީއެއް ނުވަތަ ފަތުރުވެރިއެއް ނަމަ ތިން ސިމް ކާޑު ނެގޭ ގޮތަށް ގާނޫނު އެކުލަވާލާ ތަންފީޒުކުރަން ފަށައިފިއެވެ.

"މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު"ގެ ނަމުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މިއަދު ވަނީ މި ގަވާއިދު ގެޒެޓުކޮށްފައެވެ.

މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި އެ ކަންކަން ބަޔާންކުރުމެވެ.

މި އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންވާނަމަ މަޤުބޫލު ސަބަބެއް ބަޔާންކޮށް ކޭމްއަށް ހުށަހެޅުމުން، އެކަމަށް ހުއްދަ ދިނުމުގެ އިޚުތިޔާރު އެ އޮތޯރިޓީއަށް ލިބިގެން ވާކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައި ވާގޮތުން ސިމް ކާޑު ދޫކުރެވޭނީ ކޭމް އިން
ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށް އެކަންޏެވެ. އަދި ސިމް ކާޑު ބަލައިގަންނަ މީހާއަކީ 18 އަހަރު ފުރިފައި ވާ މީހަކަށް ވުން މި ގަވާއިދުން ލާޒިމް ކުރެއެވެ.

މޯބައިލް ފޯނު ނަންބަރެއް ބޭނުންކޮށްގެން ކުރާ މުޢާމަލާތްތަކަށް ޖަވާބުދާރީވާން ޖެހޭނ،ީ އެ ނަންބަރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މި ގަވާއިދު އާންމުކުރުމުގެ ކުރިން ނަގާފައިވާ ނަމްބަރުތަކާ މެދު އަމަލު ކުރާނެ ގޮތް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން، 10 ސިމަށް ވުރެ ގިނަ ސިމް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ނަންބަރުގެ އަދަދު އިޚުތިޔާރުކޮށް އިތުރުވާ ނަންބަރުގެ ޚިދުމަތް ކަނޑައިލުމަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ހުށަހަޅަން ޖެހޭނެއެވެ.

މި ގަވާއިދާ ޚިލާފު ވެއްޖެ ނަމަ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އެކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީ އެކަން އަންގާނެއެވެ. އަދި ދެވަނަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 10،000 ރުފިޔާއިން
ޖޫރިމަނާކުރާނެއެވެ.

ތިން ވަނަ ފަހަރަށް، އެކަމެއް ރަނގަޅުކުރުމަށް އަންގައި 20,000 ރުފިޔާއިން ޖޫރިމަނާކޮށް އޭގެ ފަހުން ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.