ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިން މޭޓު ކަނޑައެޅުމަށް ޕާޓީގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ބޭފުޅަކު ކަނޑައެޅުމުގެ އިޚްތިޔާރު އެ މަނިކުފާނަށް ދޭން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމުގައިވާ މޫސާ ޒަމީރު ހަމަޖައްސައިފި ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރަނިން މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވީނަމަވެސް، ލީޑާޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު ރަނިން މޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚްތިޔާރަކަށް ވާތީ، ލީޑާޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރަނިން މޭޓު ކަމަށް ބޭފުޅަކު ކަނޑައެޅުމުގެ އިޚްތިޔާރު ރައީސް ޔާމީނަށް ދިނުމަށް ޕާޓީގެ ލީޑާޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަނިން މޭޓުގެ ގޮތުގައި ކަނޑައަޅާނެ ގާބިލް ތިން ބޭފުޅެއްގެ ނަން ފޮނުވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

ޕީޕީއެމުން ބުނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި އަދި ވަކި ބޭފުޅަކު ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން އިއުލާން ކުރާނެ ވަކި ތާރީޚެއް ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން ވަނީ ކަރެކްޝަންސް މެދުވެރިކޮށް ފޯމުތަކުގައި ސޮއި ކުރައްވާ، ޕާޓީ އޮފީހަށް ފޮނުއްވާފައެވެ.

އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމާއެކު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވިދާނެ ކަމާ މެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ.