05 May 2012, 00:49
ދަރުބާރުގެ ފުރަގަހުން ފުލުހަކާ ދިމާކޮށް ބަޔަކު މީހުން މިރޭ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ މިރޭ 9:30 އެހާކަން ހާއިރު ދަރުބާރުގެ ފުރަގަހުން ހަމަލާދިނީ އާދައިގެ ހެދުމުގައި ހުރި އަންހެން ފުލުހަކަށް ކަމަށެވެ. އަދި ބުނީ ހަމަލާދިނުމުގެ ސަބަބުން އޭނާގެ މެޔަށާއި ބުރަކައްޓަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުސް މީހާއަށް ހަމަލާދީ މާރާމާރީ ހިންގީ އޭނާ ރައްޓެހިން ތަކަކާ އެކު ދަރުބާރުގެ ފުރަގަހުން ހިނގާފައި ދަނިކޮށް އެ ވަގުތު އުސްފަސްގަޑުގައި ތިބި ބަޔަކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
ފުލުސްމީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ފުލުހުންނަށާއި އެ މީހުންގެ އަމިއްލަ މުދަލަށް ގެއްލުންދިނުން ވަނީ އާންމުކަމަކަށްވެފަ އެވެ. އަދި ފުލުހުންގެ އޮފީސްތަކާއި މަރުކަޒުތަކައްވެސް ވަނީ ބޮޑަތި ގެއްލުންތަކެއް ދީފަ އެވެ.