24 Jul 2023, 22:03
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓާ ވުމަށް އިއްޔެއާ ހަމައަށް 4324 ފޯމު ލިބިފައި ވާއިރު، 983 ފޯމް ބަލައި ނުގަނެ ރިޖެކްޓް ކޮށްފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ރީރެޖިސްޓްރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ހަބީބް ވިދާޅުވީ އޮންލައިންކޮށް ލިބިފައި ވަނީ 3508 ފޯމް ކަމަށެވެ.އޮންލައިންކޮށް ރީރެޖިސްޓާ ވުމުގެމުއްދަތު ހަމަވާން ބާކީ އޮތީ ހަތް ދުވަސްކަން ފާހަގަކުރައްވައި ހަބީބް ވަނީ ފަހު ވަގުތަށް މަޑުނުކޮށް ރީރެޖިސްޓާ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އަތޮޅުތަކުން ރީރެޖިސްޓާ ވުމަށް 369 ފޯމް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން 178 ފޯމް ހުށަހަޅާފައި ވާއިރު ރާއްޖޭން ބޭރުން ހުށަހަޅާފައި ވަނީ، 22 ފޯމް ކަމަށް ހަބީބް ވިދާޅުވިއެވެ.
"ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ހުރިހާ ކަމެއް ވެސް މި ކުރެވެނީ އެންމެ ފަހު ވަގުތު. އެކަމަކު ފަހު ވަގުތަށް މަޑުނުކޮށް ރީރެޖިސްޓާ ކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަނީ. ފަހު ވަގުތަށް މަޑުކުރީމަ ބާރު ވެސް ބޮޑު ވާނެ. ކިޔު ވެސް ބޮޑުވާނެ. އުނދަގޫވާނެ އެންމެ ފަހު ވަގުތަށް މަޑު ކޮށްފިއްޔާ،" އޭނާ ވިދާޅުވިއެވެ.
ރީރެޖިސްޓްރޭޝަނަށް ހުށަހަޅާ ޕްރޮސެސް ކުރެވިފައިވާ ފޯމްތައް މިހާރު އީސީގެ ވެބްސައިޓުގައި ފެންނަން ހުންނާނެކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ފޯމުތައް ޕޮރޮސެސް ވީވަރަކުން ރީރެޖިސްޓާ ވި މީހުންގެ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
"އެ މައުލޫމާތު ސިޔާސީ ޕާޓީތަކާ ވެސް ހިއްސާކުރާނެ،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި އަދަދަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އަލަށް ވޯޓުލުމުގެ ފުރުސަތު ލިބޭ 21،137 ޒުވާނުން ހިމެނެއެވެ.