ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހު، އެ ޕާޓީއަށް ސޮއި ކުރުމަށް ފަހު ވެސް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވި ޑިމޮކްރެޓްސް އަކީ ވަރަށް ފަހުން ރަޖިސްޓާވި ޕާޓީއަކަށް ވީ ހިނދު، މި ވަގުތަކީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ވަގުތެއް ކަމަށެވެ.

އަދި، ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅަކަށް ވީ ހިނދު، ވޯޓުލުން ކުރިއަށް ދާ ވަގުތު ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިންޓަރިމް ކައުންސިލުން ލަފާ ދީފައިވާ ކަމަށެވެ.

ޕާޓީގެ މެންބަރުން އިތުރު ކުރުމަށް ޑްރައިވް އެއް ހިންގަމުންދާ ވަގުތެއް ކަމަށް ވެފައި، އަދި މި ޕާޓީ އަކީ ވަރަށް ފަހުން ރަޖިސްޓްރީ ކުރި ޕާޓީއެއް ވީމާ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމެއް އެއީ ޕާޓީއަށް އިތުރު މެންބަރުން ވެއްދުން ވެސް.އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ، ވޯޓުލުން ކުރިއަށްދާ ވަގުތު ވެސް ޕާޓީއަށް ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އަދި އެ ގަޑީގައި ޕާޓީއަށް ސޮއި ކުރުމަށް ފަހު ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ ރަށްތަކުގެ ތެރެއިން 20 މީހުންނަށް ވުރެ ގިނައިން ޑިމޮކްރެޓްސްގެ މެންބަރުން ހިމެނޭ ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ. އެއަށް ވުރެ މަދު މެންބަރުން ތިބި ރަށްރަށުގައި އޮންލައިންކޮށް ވޯޓު ލާނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓާފައިވާ ރަށްރަށުގައި ވެސް ބޭނުން ނަމަ އޮންލައިންކޮށް ވޯޓު ލެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ދަފްތަރުގައި މިވަގުތު ހަތަރު ހާހަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕްރައިމަރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތިނުލައިފި ނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ.