ޓެލްއަވީވު (24 ޖުލައި 2023): އިސްރާއީލުގެ ޝަރުޢީ ދާއިރާއަށް ޕާލަމެންޓްގެ ކޮންޓްރޯލް އޮންނަގޮތަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފާސްކުރަން އުޅޭ ގާނޫނާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި އާންމުން ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަގެންދެއެވެ.

މި މުޒާހަރާތަކުގައި ބައިމިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވާއިރު މިއީ ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ އިސްތިއުމާރީ އެންޓިޓީ އުފެއްދިފަހުން އިސްރާއީލުގައި ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެބޮޑު އިޙުތިޖާޖެވެ.

އިސްރާއީލުގެ ޝަރުއީ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ފަހަތުގައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޒަޔަނިސްޓް ހައްދު ފަހަނަޅާފައިވާ ޕާޓީތަކެވެ. އެޕާޓީތަކުގެ ބޭނުމަކީ އެޕާޓީތަކުގެ ދީނީ ހަރުކަށި ފިކުރު އިސްރާއީލުގެ މުޖްތަމައުގައި އަށަގެންނެވުމެވެ.

ނަތަންޔާހޫގެ ބޭނުމަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލާގައި އިސްރާއީލުގެ ކޯޓުތަކުގައި އޭނާގެ މައްޗަށް ހިނގަމުންދާ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ. އޭނާގެ މައްޗަށް ހުކުމެއް އައިނަމަ އެހުކުމް ބާތިލު ކުރުމުގެ ބާރު ޕާލަމެންޓަށް ލިބިދިނުމެވެ. އިސްރާއީލުގެ ޝަރުޢީ ދާއިރާއަށް ޕާލަމެންޓްގެ ކޮންޓްރޯލް އޮންނަގޮތަށް ފާސްކުރާ ގާނޫނާބެހޭ ބިލްގެ ބަހުސް އިސްރާއީލުގެ ޕާލަމެންޓްގައި ކުރިޔަށްގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

މިހާރުވަނީ އެބިލް ފާސްކުރުމާ ވަރަށް ގާތުގައެވެ. އެބިލާ ދެކޮޅަށް އިސްރާއީލުގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ބައި މިލިޔަނަށްވުރެ ގިނަމީހުން މުޒާހަރާ ކުރަމުން ގެންދިޔަނަމަވެސް އެބިލްގެ މަސައްކަތް ހުއްޓާނުލާނެކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ ވިދާޅުވެފައެވެ.

އެބިލާ ދެކޮޅަށް އާންމުންކުރާ މުޒާހަރާތައް ފެށުނީ މީގެ ހައެއްކަ މަސްކުރިންނެވެ. މިދިޔަ ޖަނަވަރީ މަހުގައެވެ. އެއަށްފަހު މެދުކެނޑުންތަކާއެކުވެސް މުޒާހަރާތަކަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް މިހާރު މުޒާހަރާތައްވަނީ އާދަޔާ ޚިލާފަށް ބޮޑުވެ ފުޅާވެފައެވެ.

މުޒާހަރާތަކުގެ އިތުރުން އިސްރާއީލުގެ ރިޒާވް ސިފައިންގެ އެތައް ހާހަކަށްވުރެ ގިނަމީހުންވަނީ މިމައްސަލާގައި ސަރުކާރުން ގޮތް ދޫނުކުރާތީ އަސްކަރީ ޚިދުމަތަށް ނުކުތުމަށް ދެކޮޅު ހަދާފައެވެ. އަދި ރިޒާވް ފޯސްގެ އެތަށް ސަތޭކަ ސިފައިންވަނީ މަގާމުން އިސްތިއުފާވެސް ދީފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ އެންމެ ބޮޑު ޓްރޭޑް ޔުނިޔަން އިންވަނީ މި ބިލްގެ މަސައްކަތް ހުއްޓާނުލާނަމަ މުޅި އިސްރާއީލު އެއްކޮށް ހުއްޓުމަކަށް އަންނަ ވަރުގެ ބޮޑު ހަޅުތާލަކަށް ދާނެކަމުގެ އިންޒާރުދީފައެވެ.

އިސްރާއީލުގެ ޝަރުޢީ ދާއިރާއަށް ޕާލަމެންޓްގެ ކޮންޓްރޯލް އޮންނަގޮތަށް ފާސްކުރުމަށް މަސައްކަތްކުރާ ބިލުގައިވާގޮތުން ޕާލަމެންޓުން ފާސްކުރާ އެއްވެސް ގާނޫނެއް އެގައުމުގެ އަސާސީ ގަވައިދު (ދަސްތޫރު) އާ ފުށުއަރާކަމަށް ކަނޑައެޅުމުގެ ބާރު އިސްރާއީލުގެ ސްޕްރީމް ކޯޓަކަށް ނޯންނާނެއެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ނިންމުންތައް ބަދަލުކުރުމުގެ ބާރު މި ބިލުގައި އިސްރާއީލުގެ ޕާލަމެންޓަށް ލިބިދީފައިވެއެވެ.

އިސްރާއީލުގައި ދަސްތޫރެއް ނޯވެއެވެ. އެއީ އިސްރާއީލަކީ ފަލަސްތީނާ އެނޫންވެސް އަރަބި އެތައް ގައުމެއްގެ ބިންތައް ހިފަމުންދާ އިސްތިއުމާރީ ބާރަކަށްވާތީ އިސްރާއިލަކީ ސަރަހައްދީ ރޮނގު ނުވަތަ އިން ކަނޑައަޅާފައިވާ ގައުމަކަށް ނުވާތީއެވެ. އިސްރާއީލުގެ ޝަރުޢީ ދާއިރާއަށް ޕާލަމެންޓްގެ ކޮންޓްރޯލް އޮންނަގޮތަށް ފާސްކުރަންއުޅޭ މި ބިލް ފާސްވާނެކަމަށް ބެލިވިފައިވާއިރު މިބިލް ފާސްވެ ގާނޫނަކަށްވެއްޖެނަމަ އިސްރާއީލުގެ މުޅި ޝަރުޢީ ދާއިރާ އެގައުމުގެ ޕާލަމެންޓްގެ އަތްދަށަށްދާނެއެވެ.

އިސްރާއީލަކީ ބަރުލަމާނީ ނިޒާމުގެ ގައުމެއްކަމުން އެގައުމުގައި ސަރުކާރެއް އުފެދޭނީ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން މި ބިލް ފާސްވުމާއެކު އިސްރާއީލުގެ ޝަރުޢީ ދާއިރާ ގެ މުސްތަގިއްލުކަން ގެއްލި އެދާއިރާ އެއްކޮށް އިސްރާއީލުގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށަށްދާނެއެވެ.