ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް އަދި ވީބީ އައްޑޫ އެފްސީގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) މިއަދު އެކްސިޑެންޓެއްވެ ދޮޅުމަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އަޑޭ އެކްސިޑެންޓްވީ އޭނާ ދިރިއުޅޭ ހުޅުމާލޭގައި މިއަދު ހަވީރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ އަޑޭ ދުއްވަމުން ދިޔަ ސައިކަލުގައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އަޑޭއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އަޑުބަރޭ އެކްސިޑެންޓުވީ ހުޅުމާލޭގެ އުނިމާހިގުމުން މިއަދު ހަވީރު 5:30 ގައި އިރުންއުތުރަށް ދުއްވާފައި އައުމުގެ ތެރޭގައި އެ ސަރަހައްދުގައި ޕާކް ކޮށްފައިހުރި ސައިކަލެއް މީހަކު ނެރެން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ. އެ މައްސަލަ މިދަނީ އިތުރަށް ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަޑޭގެ ކުލަބް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު(ސަތޯ) ބުނީ، އެކްސިޑެންޓްގައި އަޑޭގެ ފައެއްގެ ބޮޑުވާއިނގިލި ފަޅައިގެން ގޮސް، ދެ އަތާއި ދެ ފައިގެ އެކިއެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. ސަތޯ ބުނީ އެ އަނިޔާތަކާ ގުޅިގެން އޭނާ ދޮޅު މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ގާތްކަމެއް ކަމަށެވެ.

އަޑޭއަކީ ވީބީގެ މުހިންމު ފޯވާޑެއްގެ އިތުރުން ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް މިހާރުވެސް އަދާކުރާ ތަޖުރިބާކާރު ކުޅުންތެރި އެކެވެ.