ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިޚާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ހަޖައްސައިފިއެވެ.

މިކަން ހާމަ ކުރެއްވީ އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ތޮލާލް ހަމަޖެއްސިއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ކެންޕެއިން މެނޭޖަރަކަށް މީގެ ކުރިން ވަނީ މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި މުޙައްމަދު އަމީން، ޑެޕިއުޓީ މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ހަމަޖައްސާފައެވެ.

ރައީސް ޔާމީން މިހާރު ވަނީ ކަރެކްޝަނަލް ސާވިސް މެދުވެރިކުރައްވައި، ކެންޑިޑެސީ ފޯމްގައި ސޮއިކުރައްވާފައެވެ. އެ ފޯމްތައް މިހާރު ލިބިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުން އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ދިގުލައިގެން ދާތީ، ޕީޕީއެމާއި ޔާމީންގެ ސަޕޯޓަރުން އަންނަނީ އެކަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ހިންގަމުންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހަފުތާގައި ހުޅުވާލާފައިވާ އިރު އަދި މިހާތަނަށް އެއްވެސް ކެންޑިޑޭޓެއްގެ ފޯމް، ހުށައެއް ނާޅައެވެ.