24 Jul 2023, 15:28
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި، ހުންނެވި ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ފާސްކުރީ އެ މަގާމުގެ ދަހިވެތިކަމުގައި ކަމަށާއި އެ ކަމުން ހާމަވަނީ އޭނާއާ ދެކޮޅަށް ވޯޓު ދެއްވި ތިން މެމްބަރުން ކޮމިޝަނާމެދު ނުވިސްނާކަން ކަމަށް ފުއާދު މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ފުއާދާ ދެކޮޅަށް މަސައްކަތް ކުރައްވަނީ އެ ކޮމިޝަނުގެ މެންބަރު، އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރެވެ.
ފުއާދު ރައީސްކަމުގައި ބެހެއްޓުމަށް އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ އެ މެމްބަރުންކަމަށް މައުލޫމާތު ލިބެއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މަގާމުގެ ދަހިވެތިކަމުގައި އިންތިޚާބު ބޯމަތިވެފައިވަނިކޮށް އެ ފަދަ އަމަލެއް ހިންގުމުން ހާމަވަނީ އެ ތިން މެމްބަރުންގެ 'ފެންވަރެއް ނެތްކަން' ކަމަށެވެ. އަދި ގައުމާ މެދު ނުވިސްނާކަން ކަމަށެވެ.
"އެހެން ނޫންނަމަ މިއީކީ ނޫން އަޅުގަނޑާ ހަނގުރާމަކުރަން ނިކުންނަން އެންމެ އެކަށީގެންވާ ވަގުތަކީ، އެ ބޭފުޅުން އަދި ކިތަންމެ ބޮޑަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ބޭނުންފުޅުވިޔަސް ވެސް،" އޭނާ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އޭނާގެ އެއްވެސް ކުށެއް ނޯންނާނެ ކަމަށެވެ. އެގޮތުން ގާނޫނަކާ ނުވަތަ ގަވައިދަކާ ޚިލާފުވާ އެއްވެސް އަމަލެއް ކުރައްވައިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ތިން މެމްބަރުން ވެސް ފުއާދަށް އިތުބާރު ނުކުރައްވާ ސަބަބު ހާމަކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
"ގާނޫނީ ގޮތުން އަޅުގަނޑު މަގާމުން ވަކިކުރެވޭނީ މަޖިލީހަށް. މަޖިލީހުން އަަޅުގަނޑު ވަކިނުކުރާހާ ހިނދަކު އަޅުގަނޑު ނުޖެހޭނެ އެއަށް ތަބާވާކަށް،" އޭނާ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުން އިންތިޚާބު ބޯމަތިވެފައި މި އޮތް ވަގުތުގައި އިސްތިއުފާ ދެއްވަން ޖެހޭނެ އެއްވެސް ހާލަތެއް އޮތްކަމަށް އޭނާގެ އަމިއްލަ ޟަމީރު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
"ރިޔާސީ އިންތިޚާބު އަންނަން 46 ދުވަހަށް ވެފައިއޮއްވައި އިންތިޚާބާ ބެހޭ މުއައްސަސާގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރެފައި މި ވަގުތު އަޅުގަނޑު އިސްތިއުފާ ދިނުމަކީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނީ،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު އޭނާއަށް އޮތްކަން ޔަގީންވެލައްވާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް އޭނާއަށް ލިބޭ ކަމަށެވެ.
"ދެން ދަތި އިނގޭތޯ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން މި ގޮތަށް ޖެއްސުމާއި ފުރައްސާރަކުރައްވަމުން ގެންދަވާތީ،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމުން ބޭފުޅުން ވަކި ކުރުމުގެ ބާރު އޮންނަނީ ރައްޔިތުން މަޖިލީހަށެވެ. ނަމަވެސް ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަންގެ މެމްބަރުންނަށް އޮވެއެވެ.