އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި އެ ކަން މިއަދު ފާސްކޮށްފިއެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ތިން މެމްބަރަކު ވޯޓު ދެއްވިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

މި ކަމާ ގުޅޭ ތަފްސީލީ މައުލޫމާތެއް ލިބިފައިނުވާއިރު ފޯނު ނުނަންގަވާތީ ފުއާދުގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

ފުއާދު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ބާއްވާ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވާން އެ ކޮމިޝަންގެ ތިން މެންބަރަކު މިދިޔަ މަހުގެ ތެރޭގައި ވަނީ ނިންމަވައިފައެވެ.

އެ ކޮމިޝަނުގެ މެންބަރު، އަލީ ނަޝާތާއި މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު ވަނީ ފުއާދުގެ ރިޔާސަތުގައި ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވާގެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އެ ކޮމިޝަނުގެ ބައެއް މެމްބަރުން މީގެކުރިން ވިދާޅުވެފައި ވަނީ ފުއާދުގެ އަމަލުކުރައްވަނީ ވަކި ބަޔަކަށް ފައިދާވާގޮތަށް ކަމަށެވެ. ނަމަވެސް އެ ތުހުމަތު ފުއާދު ދޮގުކުރައްވައެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރިއިރު ނަޝާތުގެ ދައުރު މާދަމާ ހަމަވާނެއެވެ. އެ މަގާމަށް އަލުން އޭނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައީ އެ ކަން ނުނިންމައެވެ.