24 Jul 2023, 12:49
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް، އެމްޑީޕީން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެ މަނިކުފާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.
ދަ ޑިމޮކްރެޓްސްއިން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައިވަނީ ރައީސް 'މުސްކުޅި'ވަމުން އަންނަކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ސިއްޙީ ހާލުކޮޅާ ގުޅުވައި ފުރައްސާރަކުރައްވައިފައެވެ.
މީގެ އިތުރުން ރައީސްގެ ވައުދުތަކާއި، ރަށްރަށުގައި އެ މަނިކުފާނު ދައްކަވާ ކެމްޕޭން ވާހަކަފުޅުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ.
މި ވާހަކަފުޅުތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ރައީސް ނަޝީދަށް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް, އަލީ ޒާހިރު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ 'ދުވާލަކު ގޮތަކަށް' ވާހަކަފުޅުދައްކަވާނެ ކެނޑިޑޭޓެއް ނޫން ކަމަށެވެ.
"...ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ، ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ...،" އަލީ ޒާހިރުގެ ޓްވީޓުގައިވެއެވެ.
މީގެ އިތުރުން ރަށްރަށުގައި ފުޓްސަލް ދަނޑާއި މަލްޓި ޕާޕަސް ހޯލް އެޅުއްވުމަށް ރައީސް ވައުދުވެވަޑައިގަންނަވަނީ ވެސް އެ ކަމުގެ ސާފު ޕްލޭނަކާއެކުކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ކޮބާ ޒުވާންކަން ދައްކަން އިސްތަށިފުޅުގަ ކުލަ ވެސް ނުޖައްސަވާނެ، އެތެރެއާ ބޭރު އެއްގޮތް ވާނެ، ޑިމޮކްރަސީ ހަޖަމް ކުރައްވާނެ،" އަލީ ޒާހިރު ނަޝީދަށް ފާޑު ވިދާޅުވަމުން ލިޔުއްވި ޓްވީޓުގައިވެއެވެ.
މި ވާހަކަތަކާ ގުޅިގެން ރައީސްގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވެސް ވަނީ ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބަލިވުމުން، ރައީސްގެ ފަހަތްޕުޅަށް އަރައިވަޑައިނުގަތުމަށް ދައްކަވާ ބަހަނާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާމެދު ހައިރާންނުވާކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
"ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރަން. ހައިރާނެއް ނުވޭ، ހިތާމަކުރަން،" މިއުވާންގެ ޓްވީޓުގައިވެއެވެ.
ހަމައެއާއެކު މަޑުއްވަރީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ވަނީ ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން އެ މަނިކުފާނު މާފަށް އެދިވަޑައިގަންނަވަން ޖެހޭކަމަށް ވިދާޅުވެފައެވެ.