މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް މެމްބަރުން ޖުމްހޫރީ މައިދާނުގައި އިހްތިޖާޖު ކުރި މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްއިން ބުނެފައިވަނީ އެ ދުވަހުގެ އިހްތިޖާޖުގައި ބައިވެެރިވި ލީޑާޝިޕްގެ އެކި މެމްބަރުން އެކި ވަގުތުތަކުގައި ފުލުހަށް ހާޒިރުވުމަށް އަންގައިފައިވާކަމަށް ބުނެފައެވެ.

އެގޮތުން ފުލުހަށް ހާޒިރުކުރަނީ:

  • މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގް

  • ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު - ހެނދުނު 11:00
  • ޕީއެންސީ ނައިބު ރައީސް މުހައްމަދު ސައީދު - މެންދުރު 12:00
  • ޕީޕީއެމް ނައިބު ރައީސް އަހްމަދު ޝިޔާމް - މެންދުުރު 13:00
  • ޕީއެންސީ ނައިބު ރައީސް އިބްރާހީމް ޝުޖާއު - ހަވީރު 16:00

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ލީޑާޝިޕުން ޖުމްހޫރީ މައިދާނުގައި ހިމޭން އިހްތިޖާޖެއްކުރީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވައިލައެވެ.

އެ އިހުތިޖާޖުގެ ތެރެއިން އެ ބޭފުޅުން އެ ދުވަހު ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.

ވަކި ހިސާބަކުން ފުލުހުން ނިކުމެ، އެ މެމްބަރުން އެ ތަނުން ދުރަށް ޖެއްސުމަށް މަސައްކަތްކުރިއެެވެ. އެ ކަމުގެ ތެރެއިން އެ މަންޒަރު ކަވަރުކުރުމަށް އުޅުނު ބައެއް ނޫސްވެރިންނަށް ވެސް ހުރަސް އަޅައިފައިވެއެވެ.