ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ޓްރާންސްފާއާ މެދު އޭނާ "އަބަދު ވެސް ހުންނަނީ ހަމަޖެހިފައި" ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު ގިނަ މައްސަލަތަކެއް އުފެދިފައިވާ އިރު, އަންނަ ސީޒަނަށް ތައްޔާރުވުމަށް އޭޝިއާއަށް ދިޔަ ޕީއެސްޖީގެ ސްކޮޑުގައި ވެސް އޭނާ ހިމެނިފައެއް ނުވެއެވެ. އުމުރުން 24 އަހަރުގެ އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު މައްސަލަތައް ޖެހިފައިވަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދަމުންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަހަރެން އަބަދުވެސް ހުންނަނީ ހަމަޖެހިފައި," މިހާރު ސްޕެއިންގައި ކުރިއަށްދާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގެންނެވުމުން, އެމްބާޕޭގެ ޓްރާންސްފާއާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕެރޭޒް ވިދާޅުވިއެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް -- ފޮޓޯ/ ގެޓީ

ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސްޖީގެ ކޮންޓްރެކްޓް ނިމުމަކަށް އައުމާ އެކު ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ އަހަރު ރެއާލަށް އެމްބާޕޭ ސޮއިކުރާނެއެވެ. އެމްބާޕޭގެ ޓްރާންސްފާއާ ގުޅޭގޮތުން މީގެ ކުރިން ވެސް ރެއާލްގެ ރައީސް ޕެރޭޒް ވަނީ ވާހަކަދައްކަވައި, އެކަން ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވެއްޖެ ނަމަ, އެއްވެސް ފައިސާއެއް ނުލިބި, ޕީއެސްޖީއަށް ޖެހޭނީ އެމްބާޕޭ ދޫކޮށްލާށެވެ. އެމްބާޕޭއަކީ ޕީއެސްޖީން 2017 ވަނަ އަހަރު މޮނާކޯއަށް 165.7 މިލިއަން ޕައުންޑުގެ އަގެއް ދީފައި ގެނައި ކުޅުންތެރިޔަކަށް ވުމުން, ހިލޭ ދޫކޮށްލަން ޖެހުމަކީ ބޮޑު ގެއްލުމަކަށް ވާނެއެވެ.