ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އިނގިރޭސިވިލާތުގެ ޕޯލް ސްމޯލީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެއްޖެއެވެ.

މީގެ ކުރިން ބުރުނާއީ ގައުމީ ޓީމަށް އިރުޝާދު ދިން ސްމޯލީ އެންމެ ފަހުން ހުރީ ބަންގުލަދޭޝް ފުޓުބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިންތާ މާގިނަ ދުވަހެއް ނުވެ، މިވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވުމަށް ފަހު، ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމޯލީ ބުނީ ރާއްޖޭގައި ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ރާއްޖެއަކީ ފުޓުބޯޅައިގެ ރަނގަޅު ވަސީލަތްތަކެއް ވެސް ހުރި ގައުމެއް ކަމަށެވެ. އަދި، ހުނަރުގެ ގޮތުން ވެސް ރާއްޖޭގައި މޮޅެތި ކުޅުންތެރިންތަކެއް ތިބިކަން ވެސް އޭނާ ފާހަގަކުރިއެވެ.

"ކޮންމެ ތަނެއްގައި ވެސް ގޮންޖެހުންތަކެއް ހުންނާނެ، އުނދަގޫތަކެއް ހުންނާނެ. އެކަމަކު ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިންތަކަކާ އެކު ރަނގަޅު ވަސީލަތްތަކެއް އެބަހުރި. ރަށްރަށުގައި ވެސް ރަނގަޅު ދަނޑުތަކެއް އެބަހުރި،" އޭނާ ބުންޏެވެ.

ސްމޯލީ ބުނީ ބަންގުލަދޭޝްގައި ވަސީލަތްތަކާއި ކުޅުންތެރިން ވެސް މަދު ކަމަށާއި އެފްއޭއެމްގެ ދުރު ރާސްތާ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި، އަމިއްލައަށް ވެސް ޕްލޭންތަކެއް ގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.

ބަންގުލަދޭޝްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސްމޯލީ މަގާމުން އިސްތިއުފާދީފައިވަނީ މުސާރަ ބޮޑުކޮށްދޭން އެދުމުން އެކަމަށް ބަންގުލަދޭޝް ފުޓުބޯޅަ ފެޑެރޭޝަނުން ދެކޮޅު ހެދުމުންނެވެ.

އޭނާއަށް ބަންގުލަދޭޝްއިން ދީފައިވަނީ މަހަކަށް 15،000 ޑޮލަރުގެ މުސާރައެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސްމޯލީގެ މުސާރަ ހަމަޖައްސާނީ ގަތަރު ފުޓުބޯޅަ ފެޑެރޭޝަން މެދުވެރިކޮށް ކަމަށާއި އެކަން ހަމަޖައްސާނީ އެފްއޭއެމްގެ ބަޖެޓުން ނޫން ކަމަށެވެ. އަދި، އޭނާގެ މުސާރަ ހާމަނުކުރުމަށް ގަތަރު ފުޓުބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.