މިއަދު ހަވީރު ޏ. ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ގެނބިގެން މަރުވެފައިވަނީ އެ ރަށު ނޫމަރާގޭ މުހަންމަދު ޝަންމު 14، ކަމަށެވެ. ޝަންމު ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވާ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ޝަންމު ގެނބުނީ ދިގުވާޑު، އަރުއްފަން ކިޔާ ސަރަހައްދުގެ މޫދަށް މިއަދު ހަވީރު އެރި އުޅެނިކޮށް އޮޔާ އެ ދިމާ ބޭރަށް ދަމައިގަނެގެން ކަމަށެވެ. އަދި ބުނީ އާންމުކޮށް ވެސް އޮއި ގަދަ އެ ސަރަހައްދުން އޭނާ ފެނުނީ ގެނބުނުތާ ބައިގަޑިއެއްހާއިރު ފަހުން ގެއްލިގެން ހޯދަނިކޮށް ކަމަށެވެ. ފެނުނު އިރު އޮތީ މޫދުގެ އަޑީގައި ކަމަށްވެސް ބުންޏެވެ.

"އާންމުކޮށް ވެސް ފެނުގެ އަޑީގައި އޮވެވޭނީވެސް 3 ނުވަތަ 4 ވަރަކަށް މިނެޓް ވަންދެން، އޭނާ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ފަހުން ފެނުނީ، އެހެންވީމަ އޭރު އޮންނާނީ މަރުވެފައި ކަމަށް ބެލެވެނީ،" އެ މީހާ ބުންޏެވެ.