24 Jul 2023, 08:06
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ބައިވެރިނުވެވިއްޖެ ނަމަ އެއީ އިންތިޚާބަށް ލިބޭނެ އުނި ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
'ސަން' އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ވެސް އިންތިޚާބުގައި ބައިވެރިނުވެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދާނެ ދެރައެއް ކަމަށެވެ.
ވަކި ޕީޕީއެމެއް ވެސް ނޫން. މިސާލަކަށް އެމްޑީޕީ ވިޔަސް އަދި އެހެން ޕާޓީއެއް ވިޔަސް އެކަން ވާނެ އިންތިޚާބަށް ލިބިގެންދާ އުނި ކަމަކަށްފުއާދު ތައުފީގު
ފުއާދު ވިދާޅުވީ، ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޕީޕީއެމް ފަދަ ބޮޑު ޕާޓީއަކަށް ވާދަނުކުރެވިއްޖެ ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އޭގެ ސަބަބުން ގިނަ ބަޔަކަށް އެ މީހަކު ބޭނުންވާ ބޭފުޅަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
"އެ ހާލަތުގައި އެއީ އެންމެ ފުރިހަމަ އިންތިޚާބެކޭ ބުނުމުގެ ފުރުސަތު ކުޑަ ވާނެ އޭ އޭގެ މާނައަކީ،" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ.
ދަ ޑިމޮކްރެޓިކްސްގެ ރިޔާސީ ޕްރައިމަރީއަށް ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ނަމަވެސް އޭނާއަށް ރިޔާސީ ޓިކެޓް އެ ޕާޓީން އަދި ހަވާލުކޮށްފައެއްނުވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އަލަށް ވޯޓުލުމުގެ ފުރުސަތު ލިބޭ 21،137 ޒުވާނުން ހިމެނެއެވެ.