24 Jul 2023, 07:23
ގިނަ ބައެއްގެ ސަމާލުކަން ލިބޭ ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ މިދުވަސްކޮޅު އުޅެނީ މީޑިއާގެ ރިޕޯޓަރުންނަށް ފިލައިގެން ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ދާދި ފަހުން ސްޕެއިންގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ފަހު އަނަންޔާ ވަނީ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ އެކްޓަރު އަދިތުޔަ ރޯއި ކަޕޫރާ އެކު ފެނިފައެވެ.
ދެ ތަރިން އެކީގައި ސްޕެއިންގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް މީޑިއާތަކުން ތުހުމަތުކޮށްފައިވަނިކޮށް އަނަންޔާ އެންމެ ފަހުން ފެނިފައިވަނީ އަދިތުޔައާ އެކު ކާރު ދުއްވާލަން ދަނިކޮށެވެ.
މި މަންޒަރުތަކުގެ ފޮޓޯ ނެގުމަށް ރިޕޯޓަރުން މަސައްކަތް ކުރުމުން އަނަންޔާ ވަނީ ބަތަލާގެ މޫނު ރިޕޯޓަރުންނަށް ފޮރުވަން މަސައްކަތް ކޮށްފައެވެ. އަނަންޔާގެ ސްޕެއިން ދަތުރުގެ ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާތަކުގައި ޕޯސްޓުކުރަމުން ދިޔަ ނަމަވެސް އަދިތުޔައާ އެކު ނަގާފައިވާ އެއްވެސް ފޮޓޯއެއް އަނަންޔާ ޕޯސްޓެއް ނުކުރެއެވެ.
އެހެންނަމަވެސް ބައެއް މީޑިއާތަކުން ވަނީ ދެ ތަރިން އެކީގައި ސްޕޭންގައި ހޭދަކުރި ބައެއް ދުވަސްތަކުގެ ފޮޓޯތައް އެކި ނޫސްތަކުގައި ޝާއިއުކޮށްފައެވެ.
ބަތަލާ އަނަންޔާއާއި އަދިތުޔަގެ ލޯބީގެ ވާހަކަތައް ތިލަވެފައިވަނީ މިދިޔަ އަހަރު ބަތަލާ ކްރިތީ ސެނޮން ބޭއްވި ދިވާލީ ޕާޓީއެއްގެ ތެރެއިން ދެ ތަރިން އެކީގައި ފެނުމާ ގުޅިގެންނެވެ. ފިލްމު "ސްޓޫޑެންޓް އޮފް ދަ އިއަ2"އިން ބޮލީވުޑަށް ތަޢާރަފްވި އަނަންޔާ އަކީ، އެކްޓަރު ޗަންކޭ ޕާންޑޭގެ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
ހިންދީ ސިނަމާގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ އަނަންޔާ އެންމެ އަވަހަށް ފެންނާނީ ވިކްރަމަދިތްޔާ ޑައިރެކްޓްކުރާ ސައިބަ ކްރައިމް ތްރިލާއަކުންނެވެ. މީގެ އިތުރުން އަޔުޝްމާން ކުރާނާ އެކު ކުޅޭ ފިލްމު "ޑްރީމް ގާލް2"، ފަރުޚާން އަޚްތަރުގެ "ކޯ ގަޔޭ ހަމް ކަހާން" އަދި އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ކޯލް މީ ބޭ"އަކީ އަނަންޔާ މި ވަގުތު މަސައްކަތް ކުރަމުން އަންނަ ފިލްމުތަކެވެ.