24 Jul 2023, 00:00
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމްކޮރެޓްސްއިން ޕީޕީއެމްގެ ފަހަތަށް ނާރާނެ ކަމަށް، އެ އިންތިޚާބަށް ފައްކާކުރަމުންދާ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައާއި ފަހުންވެސް އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ވަނީ، މިހާރު އޮތް ސަރުކާރު ބަދަލުކުރުމަށް ޕީޕީއެމްއާ ގުޅިގެން މަސައްކަތް ފަށާފައެވެ. މިގޮތުން ދެފަރާތުން ގުޅިގެން މިހާތަނަށް ވަނީ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށްގެންގޮސްފައެވެ.
އަދަދު އޮންލައިނުން ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގައި އިލްޔާސް ވިދާޅުވީ، ކުރިއަށްއޮތް އިންތިޚާބުގައި ޕީޕީއެމް ފަހަތަށް ޑިމޮކްރެޓުން އަރަންޖެހޭ ފަދަ އެއްވެސް ހާލަތެއް ނާންނާނޭ ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަނީ، ޕީޕީއެމާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ އަދި ޑިމޮކްރެޓްސް ވެގެން މަޝްވަރާ މިކުރަނީ އެއް ކެންޑިޑޭޓަކުނެރެން. އެއީ ޕީޕީއެމްގެ ހާޑުކޯ ކެންޑިޑޭޓެއްގެ ވާހަކައެއްނޫން. އަދި އެމްއެންޕީގެ ހާޑުކޯ ކެންޑިޑޭޓެއްގެ ވާހަކައެއްނޫން،" އިލްޔާސް ވިދާޅުވިއެވެ.

އަދަދުން ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގެ ތެރެއިން---
އޭނާ ވިދާޅުވީ ޕާޓީތަކާއެކު ޑިމޮކްރެޓްސްއިން ކުރާ މަޝްވަރާތަކުގައި ހޯދަނީ އެންމެން އެއްބަސްވާ، އަދި ރައްޔިތުން ގަބޫލުކުރާ ކެންޑިޑޭޓެއް ހޯދަން ކަމަށެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ޕީޕީއެމް ނުވަތަ އެނޫން ޕާޓީއަކުން ކިތަންމެ ވަރުގަދަ ކެންޑިޑޭޓެއް ނެރުނު ނަމަވެސް، ކުރިއަށްއޮތް އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ނެރޭ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބު ކުރާނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މަޝްވަރާތައް ފަށާފައިވާއިރު، ކޮންމެ ޕާޓީއަކުންވެސް ދަނީ އެޕާޓީއަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ކެންޑިޑޭޓު ރަސްމީކޮށް ނެރުމަށް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ބައެއް ޕާޓީތަކުން މިހާރުވެސް ދަނީ މެނިފެސްޓޯގައިވާ ކަންކަން ހާމަކޮށް، ނެރޭ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހޮނިހިރު ހަމަވިއިރު ފޯމް ހުށަހެޅި ހަމައެކަނި ފަރާތަކީ އިލްޔާސެވެ. އެހެންކަމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން، ރިޔާސީ ކެންޑިޑޭޓު ހޮވަން ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.