24 Jul 2023, 07:36
އެކްޓަރު އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ލޭޑީ ކިލާ"އަށް ބަޖެޓު މައްސަލަތަކެއް ދިމާވެ ފިލްމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ، 2019ވަނަ އަހަރު ރިލީޒްވި "ސެކްޝަން 375" އަދި މިދިޔަ އަހަރު ރިލީޒްވި ފިލްމު "ބްލާ"ގެ ޑައިރެކްޓަރު ވިކާސް ބަލްގެ ފިލްމެކެވެ. މިއީ އަރުޖުންއާއި ވިކާސް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.
މި ފިލްމަކީ، އަރުޖުންގެ ތްރިލާ ފިލްމެއްގެ އިންތިޒާރުގައި ބެލުންތެރިން ތިއްބާ އިއުލާނު ކުރެވުނު ފިލްމެކެވެ. ފިލްމަށް ފައިސާގެ ދަތިކަން ދިމާވުމާ ގުޅިގެން މިފިލްމު ރިލީޒްކުރުން އިތުރަށް ލަސްވާނެކަމުގެ ބިރު ބެލުންތެރިން ވަނީ ހީކުރެވެން ފަށާފައެވެ.
ބޫޝަން ކުމާރު އަދި ޝާއިލެޝް އާރު ސިންގް ޕްރޮޑިއުސްކުރާ މި ފިލްމަށް ފައިސާގެ ދަތިކަން ދިމާވެފައިވަނީ ފިލްމަށް ބަޖެޓުކުރެވުނު އަދަދު ފަހަނައަޅާ ދިއުމުންނެވެ.
ފިލްމުގެ ޝޫޓިން ވެސް މެދުކަނޑާލެވިފައިވާއިރު އެކްޓަރު އަރުޖުން ކަޕޫރާއި ޑައިރެކްޓަރު ވިކާސް އަންނަނީ މި މައްސަލަ ޙައްލުކޮށް ފިލްމު އަވަހަށް ނިންމާލެވޭނެ ގޮތްތަކެއް ހުރިތޯ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ފިލްމު ޔުނިޓާ ގާތުން މަސައްކަތް ކުރާ ފަރާތަކުން ބުނެފައިވަނީ ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ ޝޫޓިންގް ކުރިއަށް ގެންދާ އުއްތަރަކްހަންދަށް މޫސުމް ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ފިލްމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ބާކީ 20 އިންސައްތަ މަސައްކަތް ނިންމުމަށް ފަސް ނުވަތަ ހަ ކްރޯޑް ރުޕީސް ބޭނުންވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ އިޤްތިސާދަށް އައި ހީނަރުކަމާ އެކު އިތުރަށް ފައިސާ ޚަރަދުކޮށްފިނަމަ ފަހުން އެ ފައިސާ ފައިދާގެ ގޮތުގައި ނުލިބިދާނެކަމުގެ ބިރު ޕްރޮޑިއުސަރުންނަށް ވަނީ ހީވެފައެވެ.
އަރުޖުންއާ އެކު ފިލްމު "ލޭޑީ ކިލާ"އިން ފެންނާނީ ބަތަލާ ބޫމިކާ ޕެޑްނެކަރުއެވެ.