24 Jul 2023, 07:15
ކުޑަކުދިންގެ މެދުގައި އެތައް އަހަރެއް ވަންދެއް މަގުބޫލުކަން ހޯދާފައިވާ "ބާބީ" ކެރެކްޓަރަށް ބިނާކޮށް ތައްޔާރުކުރި ލައިވް އެކްޝަން ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ލިބެން ފަށައިފިއެވެ.
ގްރެޓާ ގާވިގް ޑައިރެކްޓް ކުރި ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރުކުރި ފިލްމެކެވެ. ތަފާތު އެކި މާކެޓިންތަކާ އެކު ފިލްމުގެ ވާހަކަ އަޑު ނާހާ މީހެއް މަދުވާނެއެވެ. އެއާ އެކު އެތައް ބަޔަކު ތިބީ މި މަސް ފެށުމުގެ ކުރިން ވެސް ފިލްމަށް ކެތް މަދުވެފައެވެ.
އެންމެ ފަހުން މިދިޔަ ހަފުތާ ބަންދުގައި ވަނީ ފިލްމު ދައްކަން ފަށާފައެވެ. ފިލްމުގެ އާމްދަނީ މަޑުމަޑުން އާންމުވަމުން އަންނަ އިރު ފިލްމު ޕްރިމިއާ ކުރި ދުވަހު އެކަނި ވެސް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. އެގޮތުން ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނި ވެސް ބާބީ ވަނީ 117.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އަދި، ހަފުތާ ބަންދު ނިމޭ އިރު މި އަދަދު 200 މިލިއަނާ ގާތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބާބީ އަކީ މި އަހަރުގެ މެދުތެރޭގައި އަޅުވާ އެންމެ ބޮޑު ފިލްމަށް ވުން އެކަށީގެންވެއެވެ. މި ފިލްމާ އެކު ވާދަކުރަމުން އަންނަނީ ކްރިސްޓޮފާ ނޯލަންގެ "އޮޕެންހައިމާ"އެވެ. ބާބީއާ އެއް ދުވަހެއްގައި ޕްރިމިއާ ކޮށްފައިވާ މި ފިލްމު ވެސް އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީ އެއް ހޯދަމުންނެވެ. ނަމަވެސް އަދި އާމްދަނީގެ ފުރިހަމަ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
ކޭމްޕް ކޮމެޑީ ބާބީ ވަނީ ކްރިޓީކުންނާއި ފޭނުންގެ މެދުގައި ރޭޓިންގެ ގޮތުން ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެގޮތުން ރޮޓެން ޓޮމާޓޯސްގައި 300 އާ ގާތް ކުރާ އަދަދަކަށް ކްރިޓީކުންގެ ރޭޓިން އިން ފިލްމަށް 90 ޕަސެންޓް ލިބެއެވެ. އަދި، 1،000 އަށް ވުރެ ގިނަ އޯޑިއެންސްގެ ރޭޓިން އެވަރެޖް ވެސް އުޅެނީ 90 ޕަސެންޓްގައެވެ.
ބާބީ އާއި ކެންގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބާބީގެ ރޯލުން ފެންނާނީ މާގޯ ރޮބީ އާއި އިސާ ރޭ އަދި ޑުއާ ލީޕާ އާއި އެމާ މެކީއެވެ. ކެންގެ ރޯލުން ފެންނާނީ ރާޔަން ގޮސްލިން އާއި ސިމޫ ލިއޫއެވެ.