މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރެއިން ޒުވާން ލީޑަރުންނަށް ކުރިޔަށް ވަޑައިގަތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަކީ ވެސް އެއް ދުވަސްވަރެއްގައި އެމްޑީޕީ ތަމްސީލު ކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީ އުފެއްދުމުގައި ވަރަށް ބޮޑު ރޯލެއް އެމަނިކުފާނު އަދާ ކުރެއްވެވި ކަމަށެވެ. އަދި އެކަން ބައެއް ފަރާތްތަކަށް އެނގިފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކުޅުދުއްފުށީގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވީ އަޅުގަނޑު ގޮސް. އެހެންވީމާ، އަޅުގަނޑަކީ ވެސް އެމްޑީޕީގައި އުޅުނު މީހެއް. އެހެން ނަމަވެސް، ބައެއްފަހަރު އެބަޖެހޭ، ކުޑަކޮށް ކަންކަމުން ދުރުވެލައިގެން އުޅެންވެސް. އެގޮތުން އަޅުގަނޑަށް އެމްޑީޕީއިން ވަކިވާން މަޖުބޫރުވީ. އަޅުގަނޑު ވަކިވާންޖެހުނު ސަބަބު މިހާރު ވަރަށް ރަނގަޅަށް ފެނިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އަބަދުވެސް އެޕާޓީގެ ހިންގުން އޮންނަ ގޮތެއްގެ ސަބަބުން ޕާޓީގެ ތެރެއިން ޒުވާން ލީޑަރުންނަށް ކުރިޔަށް ވަޑައިގަތުމަކީ ފަސޭހަ ގޮތަކަށް އޮންނަ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ތެރޭގައި މިހާރު ޖެހިފައިވާ މައްސަލައަކީ ވެސް އެއީ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން، އެމްޑީޕީގެ ތެރޭގައި ހުރި އެބާވަތުގެ ކަންތައްތައް ހަމަޖެހިގެން، އެމްޑީޕީއަށް އަނެއްކާވެސް ކުރިއަށް ދިޔުމުގެ އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅުވެގެން އަންނާނީ ރަނގަޅު ސިޔާސީ ޕާޓީތަކެއް އޮވެގެން ކަމަށާއި ދިވެހިން ދެކޭހިތްވަނީ، އެމްޑީޕީ ވެސް ސިޔާސީ ގޮތުން ވަރުގަދަވެފައި އޮތުމާއެކު އެހެން ޕާޓީތައް ވެސް ވަރުގަދަވެފައި އޮތުމަށް ކަމަށެވެ.

"އަދި ޕާޓީތަކުގެ މެދުގައި އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކޮށްގެން، އިންތިޚާބުތައް ރަނގަޅު ޒުވާން ބޭފުޅުން ކާމިޔާބު ކުރެއްވުން. އަޅުގަނޑުމެންގެ ނައިބު ރައީސް ކަހަލަ [ވަހީދުއްދީން ފަދަ] ބޭފުޅުންނަށް ކާމިޔާބު ލިބިގެން، ދައުލަތުގެ ކުރިއެރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނީ. ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައިވީ ނަމަވެސް، ދެންތިބި މީހުންވެސް އެބަޖެހޭ، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަން،" ރައީސް ވިދާޅުވި އެވެ. "އިންތިޚާބުގެ ދުވަސްވަރުގައި ކިތަންމެވަރަކަށް ވާދަކުރިޔަސް، އިންތިޚާބު ނިމުމަށްފަހުގައި، މަޤާމްތަކަށް މީހުން ހަމަޖެހުމަށްފަހުގައި، ދެން ރަށުގެ މަޞްލަޙަތަކީ ވެސް، ޤައުމުގެ މަޞްލަޙަތަކީ ވެސް އެންމެން އެކީގައި މަސައްކަތް ކުރުން. އެންމެން އެކީގައި މަސައްކަތް ކޮށްގެން، ކުރިއަށް އޮތް ތާނގައި ކުރިއަށްދިޔުން. އެގޮތުން، އަޅުގަނޑު ޔަޤީންކުރަން، މިރަށުގައިވެސް ހުރިހާ ރައްޔިތުންވެސް، ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް، އެކުވެރިކަމާ އެކީގައި އެއްބާރުލައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް،"

މިއަދު ނޮޅިވަރަމް ރައްޔިތުންނާ ބައްދަލުކުރައްވާ އެރަށަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސް ވިދާޅުވީ އެކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.