ލަންޑަން (22 ޖުލައި 2023): ކަޅުކަނޑުގެ އައްސޭރިފަށުގައިވާ ޔުކްރެއިންގެ ބަނދަރުމަތީ ސިޓީތަކަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ.

ރަޝިއާއިން މިހަމަލާތައް ދެނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމަށް ހުޅަނގުން އަމަލުނުކުރާތީ އެއެއްބަސްވުން އަލުން އައުނުކުރުމަށް ރަޝިއާ ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ކޮންމެ ހަތަރު މަހަކުން އެއްމަހު އައުކުރާގޮތަށް ތުރުކީއާއި އދ. މެދުވެރިއަކަށްވެގެން ތަންފީޒުކުރަމުންގެންދިޔަ އެއްބަސްވުމުގެ މުއްދަތު ހަމަވީ މި ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. މިއެއްބަސްވުން އައުނުކުރުމަށް ރަޝިއާ ނިންމީ ޔުކްރެއިންގެ ގޮވާމުގެ ތަކެތި އެކްސްޕޯޓް ކުރާގޮތަށް ރަޝިއާގެ ގޮވާމުގެ ބާވަތްތަކާއި ކައްކާ ތެލާއި ގަސްކާނާ އެކްސްޕޯޓްކުރުމުގައި ލުއިތައް ދިނުމަށް ރަޝިއާ އެދޭއެދުންތަކަށް މިހާތަނަށް ހުޅަނގުން އިޖާބަދީފައި ނުވާތީއެވެ.

ޔުކްރެއިންގެ ގޮވާމުގެ ތަކެތި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރަޝިއާއިން ދިނުމުން އޭގެ ބަދަލުގައި ރަޝިއާ އެދިފައިވަނީ ރަޝިއާއިން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތަކާއި ކައްކާތެލާ އަދި ގަސްކާނާގެ ބާވަތްތަކުގެ އަގު (ޕޭމަންޓް) ހުޅަނގުގެ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުގެ ތެރެއިން ރަޝިއާއަށް ލިބޭނެގޮތް ހަދައިދިނުމެވެ.

މި ކަމަށްޓަކައި ރަޝިއާގެ ދަނޑުވެރިކަމާބެހޭ ބޭންކް ސްވިފްޓް ނިޒާމުގެ ތެރެއަށް ވައްދައިގެން ރަޝިއާއިން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތަކާއި ގަސްކާނާގެ ބާވަތްތަކުގެ އަގު އެނިޒާމުގެ ތެރެއިން ލިބޭނެގޮތްހެދުން ރަޝިއާވަނީ ޝަރުތުކޮށްފައެވެ.

ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަމުން ގެންދިޔަ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމުގެ މިބައަށް އަމަލުކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ. މިކަމުގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން ރަޝިއާ އެކްސްޕޯޓްކޮށްފައިވާ ގޮވާމުގެ ބާވަތްތަކާއި ކައްކާ ތެލާއި ގަސްކާނާގެ ބާވަތްތަކުގެ އަގުގެ ބޮޑުބައެއް މިހާތަނަށް ރަޝިއާއަށް ލިބިފައެއް ނުވެއެވެ.

ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހަނގުރާމަ ފެށުމާއެކު އެމެރިކާއާއި ޔޫރަޕުންވަނީ ރަޝިއާއާ ދެކޮޅަށް 40 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެތެރެއިން އެންމެ ނުރައްކާތެރި ފިޔަވަޅަކީ އެމެރިކާގެ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުން ރަޝިއާ ބޭރުކޮށްލުމެވެ.

މިކަމާ ކުރިމަތިލުމަށްޓަކައި ރަޝިއާވަނީ ޗައިނާ، އިންޑިއާ ފަދަ އިގްތިސާދީ ބޮޑެތި ބާރުތަކާއެކު އެގައުމުތަކުގެ ފައިސާއާއި ރަޝިއާގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަށާފައެވެ. މިމުއާމަލާތްތަކާއެކު ރަޝިއާ އިގްތިސާދީގޮތުން އިނދަޖައްސާލުމުގައި ހުޅަނގު ވަނީ ނާކާމިޔާބުވެފައެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޑޮލަރާ ނުލައި އެންމެ ގިނައިން ރަޝިއާ ކުރާ މުއާމަލާތްތަކަކީ ރަޝިއާގެ ތެލާއި ގޭހުގެ މުއާމަލާތެވެ. ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިއާ ވަނީ އިންޑިއާއާއި ޗައިނާ ފަދަ ގައުމުތަކާއެކު އެތަށް ބިލިޔަން ޑޮލަރެއްގެ މިންވަރުގެ މުއާމަލާތްތައް އެތިން ގައުމުގެ ފައިސާ ބޭނުންކޮށްގެން ކޮށްފައެވެ.

މީގެތެރޭގައި ރަޝިއާގެ ތެލާއި ގޭސް އިންޑިއާއާއި ޗައިނާއަށް އެކްސްޕޯޓް ކުރުމާއި އެދެގައުމުގެ ތަފާތު އުފެއްދުންތައް ރަޝިއާއަށް އިންޕޯޓްކުރުން ހިމެނެއެވެ. ނަމަވެސް ރަޝިއާގެ ގޮވާމުގެ ބާވަތްތަކާއި ކައްކާ ތެލާއި ގަސްކާނާ ގެ ބާވަތްތައް އިންޕޯޓްކުރާ އެފްރިކާގެ ގައުމުތަކާއި ލެޓިން އެމެރިކާއާއި އޭޝިއާގެ ކުދި އަދި ފަގީރު ގައުމުތަކާއެކު އެގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

ރަޝިއާއިން އިންޕޯޓްކުރާ މިބާވަތްތަކުގެ އަގު އެގައުމުތަކުން ރަޝިއާއަށް ދައްކަން ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ. ނޫނީ ޑޮލަރުން ކޭޝްކޮށެވެ. މިއީ ދަތިކަމަކަށްވާތީ ރަޝިއާއިން އެގައުމުތަކަށް އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތަކާއި ކައްކާ ތެލާއި ގަސްކާނާގެ ބާވަތްތަކުގެ އަގުގެ ބޮޑުބައެއް ރަޝިއާއަށްވަނީ ނުލިބިފައެވެ.

ރަޝިއާ ބުނާގޮތުގައި ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދެން ދެވޭނީ ރަޝިއާއިން އެކްސްޕޯޓްކުރާ މިބާވަތުގެ ތަކެތީގެ އަގު އަދާކުރުމުގައި ސްވިފްޓް ނިޒާމު މެދުވެރިކޮށް ހުޅަނގުންވެސް ދޫތައް ދިނުމުންނެވެ. ނަމަވެސް ހުޅަނގުންވަނީ ކަނޑައެޅިގެން މިކަމަށް އިންކާރުކޮށްފައެވެ.

އެހެންކަމުން ރަޝިއާ މިހާރު ގެންދަނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ވަރަށް ބޮޑަށް ހުރަސްއަޅަމުންނެވެ. މީގެތެރޭގައި ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ބޭނުންކުރާ ޔުކްރެއިންގެ ބަނދަރުތަކަށް މިސައިލުން ހަމަލާދިނުމާއި ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އުފުލާ އާގުބޯޓުތަކަށް ހަމަލާދޭންޖެހިދާނެކަމުގެ އިންޒާރު ދިނުން ހިމެނެއެވެ.

މިފަދަ ހާލަތެއްގައި ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަކީ ޔުކްރެއިންއަށް ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ. އެއީ ރަޝިއާއިން ސަލާމަތީ ގެރެންޓީ ނުދޭނަމަ އިންޝުއަރެންސް ކުންފުނިތަކުން ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އިންޝުއާ ކުރުމުގެ އަގު އިންތިހާއަށް ބޮޑުވާނެތީއެވެ. އަދި ޔުކްރެއިންގެ ބަނދަރުތަކަށް ރަޝިއާ ހަމަލާދޭނަމަ އެތަންތަނަށް ދާން އާގުބޯޓުތައް ދެކޮޅު ހަދާނެތީއެވެ.

ކަޅުކަނޑުގެ އައްސޭރިފަށުގައިވާ ޔުކްރެއިންގެ ބަނދަރުމަތީ ސިޓީތަކަށް ރަޝިއާއިން ހަމަލާދޭން ފަށާފައިވަނީ ޔުކްރެއިން ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުން ހުއްޓުމުގެ މަގްސަދުގައި ކަމަށް ވަނީ ބެލެވިފައެވެ. ރަޝިއާ ބުނާގޮތުގައި ގޮވާމުގެ ބާވަތްތައް ބޭރު ކުރުމުގެ ފުރުސަތު ރަޝިއާއަށް ނުދޭނަމަ ޔުކްރެއިންއަށްވެސް އެފުރުސަތެއް ނުލިބޭއެވެ.

މިމައްސަލާގައި އެމެރިކާވަނީ ރަޝިއާއިން ކާބޯތަކެތި ރަހީނުކޮށްފައިވާކަމަށާ ކާބޯތަކެއްޗަކީ ހަތިޔާރެއްކަމަށް ރަޝިއާ ހަދައިފި ކަމަށް ތުހުމަތުކޮށްފައެވެ. އދ.އިންވަނީ ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުން އައުނުކޮށްފިނަމަ ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް އިންތިހާއަށް ބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ.

މިހާލަތު ދިގުލައިގެން ހިނގައްޖެނަމަ ދުނިޔޭގެ ފަގީރު ގައުމުތަކުގެ ރައްޔިތުން ހައިހޫނުކަމާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ޔުކްރެއިންއާއި ރަޝިއާއަކީ ދުނިޔޭގައި ގޮވާމުގެ ބާވަތްތަކާއި ކައްކާތެޔޮ އެންމެ ގިނައިން އުފައްދާ ދެގައުމެވެ. ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ގޮވާމުގެ ބާވްތައް އުފައްދާ ގައުމެވެ. ދެވަނައަށް އެންމެ ގިނައިން އުފައްދަނީ ޔުކްރެއިން އިންނެވެ. ގޮދަނުގެ ބާވަތްތައްފަދަ ދުނިޔޭގައި އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރަނީ ރަޝިއާއާއި ޔުކްރެއިންއެވެ.

އަނެއް 60 އިންސައްތަ ހިއްސާ ކުރަނީ އެހެން ގައުމުތަކުންނެވެ. މީގެތެރޭގައި އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޔޫރަޕްގެ އިއްތިޙާދު، އިންޑިއާ، އާޖެންޓީނާ، ކަޒަޚިސްތާން ، ޗައިނާ އަދި ތުރުކީ ހިމެނެއެވެ.

ޔުކްރެއިންގެ ބަނދަރުތަކަށް ރަޝިއާ ދޭ ހަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަ ކުރުމުގެ ފަހަތުގައިވާ އަނެއް ބޭނުމަކީ ރަޝިއާއާއި ކްރައިމިޔާ އާ ދެމެދުގައިވާ ބްރިޖަށް ޔުކްރެއިން އިން ދެމުން ގެންދާ ހަމަލާތަކަށް ބަދަލު ހިފުމެވެ. ޔުކްރެއިނުންވަނީ ތަކުރާރުކޮށް އެބްރިޖަށް ހަމަލާތައް ދީފައެވެ.